މި ހަފްލާއަށް އަބިޝެކް ދިޔައީ އޭނާގެ ބައްޕަ އަމިތާބް ބައްޗަންއާ އެކުގައެވެ. އައިޝްވަރިޔާ ދިޔައީ އެހެން ކާރެއްގައެވެ.
މި ތިން ތަރިން އެއް ހަފްލާއެއްގައި ފެނުމުން ގިނަ ބަޔަކު އުފާވެފައިވާ ބުންޏެވެ. މީގެ ކުރިން އަބިޝެކްއާއި އައިޝްވަރިޔާ ވަރިވާން އުޅޭ ކަމަށް އަޑުތަކެއް ފެތުރިފައިވާތީ، މި ދެ ތަރިން އެއްތަނެއްގައި ފެނުމުން އެ އަޑުތަކަށް ޖަވާބު ލިބުނު ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މި ހަފްލާއަކީ އަބިޝެކްއާއި އައިޝްވަރިޔާގެ ދަރިފުޅު އާރަދިޔާގެ ސްކޫލުގެ ހަފްލާއެކެވެ. މި ދެ ތަރިން އެންމެ ފަހުން އާންމުކޮށް ފެނިފައިވަނީ މިދިޔަ މަހު ކައިވެނި ހަފްލާއެއްގައެވެ. އޭގެ ކުރިން ޖުލައި މަހުން ފެށިގެން މި ދެ ތަރިން އެއްތަނެއްގައި ނުފެނުމުން، އެ ދެމަފިރިންގެ ގުޅުމާމެދު ގިނަ ސުވާލުތަކެއް އުފެދިފައިވެއެވެ.
ޕަޕަރާޒީ މަނާވް މަންގްލާނީ އޭނާގެ އިންސްޓަގްރާމްގައި ޝާއިއުކުރި ވީޑިއޯއެއްގައި އައިޝްވަރިޔާ، އަބިޝެކްއާއި އަމިތާބްއާ ވާހަކަދައްކާ މަންޒަރު ފެނެއެވެ. ނަމަވެސް މި ތިން ތަރިން އެކުގައި ފޮޓޯ ނަގަން ނުހުއްޓެވެ. އަދި އަބިޝެކްއާއި އައިޝްވަރިޔާ ވަކިން ވަޑައިގަތުމުން، އަދިވެސް އެ ދެމަފިރިންގެ ގުޅުމާމެދު ބައެއް މީހުން ސުވާލު އުފައްދަމުންދެއެވެ.