ނުރައްކާތެރި އަދި ގެއްލުން ބޮޑު އަލިފާނުގެ މި ހާދިސާ ހިނގީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން އައި އިމާރާތެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގެ ތަހުގީގު ފުލުހުންގެ އިދާރާއިން ފަށައި އެ ތަހުގީގަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަަމަށް ކޮމިޝަނަރު ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
ސީޕީ މިއަދު ވިދާޅުވީ އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު ދަނީ ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑު ފެތުރި ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާގެ ތަހުގީގު ފުރަތަމަ ދުވަހު ވެސް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ސީސީޓީވީ ފުޓޭޖްތައް ހޯދައި އެނަލައިޒް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާ ކަމަށް ޕޮލިސް ކޮމިޝަނަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.
ފުލުހުން ގެންދަނީ ރޯވި މަންޒަރު އެންމެ ފުރަތަމަ ދުށް މީހުންގެ ބަޔާންތައް ނެގުމުގެ މަސައްކަތާއި އެ ހާދިސާގެ މައުލޫމާތު އެންމެ ފުރަތަމަ ލިބޭނެ ކަމަށް ބެލެވޭ މީހުން ހޯދައި ސުވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
އެ ހާދިސާގައި ގެއްލުން ލިބުނު ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ. އަދި ސިޓީ ކައުންސިލުން ވެސް ގެއްލުން ލިބުނު ލިޔެކިޔުންތައް ތަރުތީބުކޮށް، ރިކަވާ ކުރުމުގެ މަސައްކަތްތައް މިހާރު ގެންދަނީ ކުރަމުންނެވެ.
އަލިފާނުގެ ހާދިސާއަށް ފަހު ތިން މިނިސްޓްރީގެ މަސައްކަތް ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފަ އެވެ. ދަރުބާރުގޭގައި ވަސީލަތްތައް ހަމަކޮށް މިދިޔަ އާދީއްތަ ދުވަހު އެ ތަނުން މިނިސްޓްރީތަކުގެ ހިދުމަތް ދޭން ވެސް ފެށި އެވެ.