ads
ފެނަކައިގެ އާ އެމްޑީ ނަޖާހު
ފެނަކައިގެ އާ އެމްޑީއަކަށް ނަޖާހު އައްޔަންކޮށްފި
ފެނަކަ ކޯޕަރޭޝަންގެ އާ މެނޭޖިން ޑިރެކްޓަރަކަށް ސިފައިންގޭގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށްވާ މުހައްމަދު ނަޖާހު ޕީސީބީން މިއަދު އައްޔަން ކޮށްފި އެވެ.
Advertisement

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ފެނަކަގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި އެމްޑީ ކަމަށް ނަޖާހު އައްޔަންކޮށްފައިވާ ކަމަށެވެ.

ލޮޖިސްޓިކްސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހ. ޔެލޯ ރޯޒް ނަޖާހު ވަނީ 21 އަހަރު ވަންދެން ސިފައިންގޭގައި ހިދުމަތް ކުރައްވައިފަ އެވެ.

ނަޖާހު ވަނީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ހައްދަވައިފަ އެވެ.

ނަޖާހު މި މަގާމަށް އައްޔަންކުރީ އެ މަގާމުގައި ހުންނެވި މުހައްމަދު މުއާޒު ރަޝީދު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އިސްތިއުފާ ދެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި މުއާޒު ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމި ސަބަބުތަކުގެ ތެރޭގައި ކުންފުންޏާ ހަވާލުވި އިރު 4.3 މިލިއަންގެ ރުފިޔާގެ ދަރަނި އޮތުމާއި ބޭނުންވާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާތައް ހަމަޖައްސަން ޖެހުމާއި އަދި ކުންފުނި ރައިޓް ސައިޒްކުރަން ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ވެސް ލިބިފައި ނުވުން ހިމެނޭ ކަމަށެވެ.

ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތްދޭ، ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން ފެނަކައަކީ ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ކުންފުންޏެކެވެ. އެގޮތުން ކޮންޓްރެކްޓު ދިނުމުގައި އާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުކޮށް، އޭސީސީއަށް ވެސް މައްސަލަތަކެއް ހުށަޙަޅައިފައިވެ އެވެ.

ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، އެސްޓީއޯއިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އޮގަސްޓު މަހުގެ 25ގައި ނިންމެވި އެވެ. އެހެން ނަމަވެސް އެ މަސައްކަތްތައް ހުއްޓާލައިފައިވާކަން އެސްޓީއޯއިން ވަނީ މިދިޔަ ނޮވެންބަރު 27ގައި އިއުލާންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް