ނަމަވެސް ރަނގަޅު ގޮތްތަކެއް ބޭނުންކޮށްގެން ކުދިންގެ ހިތުގައި ކިޔެވުމުގެ ލޯބި ޖެއްސުމަކީ އެހާ އުނދަގޫކަމެއް ނޫނެވެ. މިކަމަށްޓަކައި ބޭނުންކުރެވިދާނެ ބައެއް މުހިންމު ގޮތްތައް މި ލިޔުމުގައި ހިމަނާލަމެވެ.
ފުރަތަމަ ކަމަކަށް، ކުއްޖާގެ ޢުމުރާއި ޝައުގުވެރިކަން ހުރި ކަންތައްތަކާ ގުޅޭ ފޮތްތައް ހޯދައިދިނުމަކީ މުހިންމުކަމެކެވެ. މިސާލަކަށް ކުޅިވަރަށް ޝައުޤުވެރިވާ ކުއްޖަކަށް ކުޅިވަރާ ބެހޭ ފޮތްތައް ހޯދައިދިނުމެވެ. އަދި ކުއްޖާއަށް ފޮތް ހޮވުމުގެ މިނިވަންކަން ދިނުމަކީވެސް މުހިންމު ކަމެކެވެ. މީގެއިތުރުން، ދުވާލަކު ވަކި ގަޑިއެއްގައި ކިޔެވުމަށް ޚާއްޞަކުރުމަކީ ރަނގަޅު އާދައެއް އަށަގެންނެވުމަށް ވަރަށް މުހިންމު ކަމެކެވެ.
ދެވަނަ ކަމަކަށް، ކިޔެވުމަކީ އުފާވެރި ކަމެއްގެ ގޮތުގައި ދެއްކުމަށްޓަކައި ކުޅިވަރުގެ ސިފައިގައި ކިޔެވުމުގެ ހަރަކާތްތައް ރޭވިދާނެއެވެ. މިސާލަކަށް ފޮތް ކިޔުމަށްފަހު އޭގެ ވާހަކަ ކުރަހައިގެން ކިޔައިދިނުމެވެ. އަދި ކިޔާ ފޮތްތަކުގެ މައްޗަށް ބިނާކޮށް ކުދި ޑްރާމާތައް ހެދުމެވެ. މިފަދަ ކަންކަމުން ކުދިންގެ ހިތުގައި ކިޔެވުމުގެ ލޯބި އިތުރުވެގެންދާނެއެވެ.
އެންމެ މުހިންމު ކަމަކީ މައިންބަފައިންވެސް ކިޔެވުމުގެ ރަނގަޅު ނަމޫނާއެއް ދެއްކުމެވެ. ގޭގައި ފޮތް ކިޔުމުގެ މާހައުލެއް ގާއިމުކުރުމެވެ. އަދި ކުދިން ކިޔަވާ ކިޔެވުމަށް ހިތްވަރުދީ، ކުދިން ހޯދާ ކުރިއެރުންތަކަށް މަރުހަބާ ކިޔައި، ހިތްވަރުދިނުމެވެ. މިފަދަ ކަންކަމުން ކުދިންގެ ހިތުގައި ކިޔެވުމުގެ ލޯތްބާއި ޝައުޤުވެރިކަން އުފެދި، އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.