ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ނިހާދު ވިދާޅުވީ އެމްޑީޕީއިން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅެނީ ރާއްޖެއަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާތީ، އެކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ނިހާދު ވަނީ މަގާމުން ސަސްޕެންޑޮކޮށްފަ އެވެ.
މިކަމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ރަޖިސްޓްރީ ވެގެން ހިންގާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން މަސައްކަތްކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެ އިމުން ބޭރުވާ ހާލަތްތަކުގައި އެ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަމާމެދު ޝައްކުނުކުރާ ކަމަށެވެ.
ޕާޓީތަކާއި މަދަނި ޖަމިއްޔާތައް ހަރަކާތްތެރިވާނި ގާނޫނު ހުއްދަކުރާ އިމުގެ ތެރޭގައި ކަމަށާއި އެއިމުން ބޭރުވާނަމަ އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުގެ ކަމާބެހޭ އިދަރާތަކުން އަޅާނެކަމާމެދު ޝައްކެއް ނުކުރާކަމަށްވެސް ޕީއެންސީގެ ބާޔާނުގައި ބުނެފައިވެ އެވެ.
އޭގެއިތުރުން ރާއްޖެއަކީ ގައުމަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީން ކަން ޕީއެންސީން ދެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ އިންވެސްޓްމެންޓްތައް ރައްކާކޮށްދިނުމުގައި ދައުލަތުން އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރާނެކަަމުގެ އިތުބާރު އޮތްކަމަށް ޕީއެންސީން ބުނެ އެވެ.
ޕީއެންސީ އިން ބުނީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށްފައިވާ މީހުންގެ އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމަށްޓަކައި ދައުލަތުގެ ޒިންމާ ފުރިހަމައަށް އަދާކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ޕީއެންސީން މިފަދަ ބަޔާނެއް ނެރެފައިވާއިރު، މި އަހަރު ކުރީކޮޅު ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކުރި މައްސަލާގައި ފަތުރުވެރިކަމަށް ލޮޅުންއެރި އެވެ. އޭގެތެރެއިން ދެ ނައިބުންނަކީ ޕީއެންސީގެ މެންބަރުންނެވެ. އެ ހާދިސާއާ ގުޅިގެން ޕާޓީން ބަޔާނެއް ނެރެފައި ނުވެ އެވެ.