ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅިގެން ރައީސް އޮފީސް ކައިރީގައި ބޭއްވި ސުކޫތުގައި ބައިވެރިވެ ވަޑައިގެން، ރައީސް މުއިއްޒު ވިދާޅުވީ ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިކަމާއެކު ކަންކަން ކުރާ ބައެއް ކަމަށެވެ.
2004 ވަނަ އަހަރު ދިމާވި ސުނާމީ ކާރިސާގައި 82 ދިވެހިން ނިޔާވެ، 26 މީހުން ގެއްލުނު އިރު، 15،000 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި ނިކަމެތި ހާލުގައި ޖެހުނެވެ. ނަމަވެސް އެ ދަތި ދުވަސްވަރުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އެކުވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމުގައި ވިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިންނަކީ ގައުމަށް ދިމާވާ ކޮންމެ މުހިންމު ހާލަތެއްގައި އެއް އާއިލާއެއްގެ ބަދަހިކަން ދައްކާ، އެކުވެރި، އޯގާތެރި، އަދި ހެޔޮލަފާ ރައްޔިތުންތަކެއް ކަމަށެވެ.