ގޯލްޑްކަޕްގެ ފޯރީގެ ވާހަކަ ފާހަގަކޮށް ސުޒޭން ބުނީ، އަލިފުށިން ރީތި މޮޅު ފުޓްބޯޅައެއް ކުޅުނު ކަމަށެވެ. އެންމެ މޮޅު ކުޅުމެއް ކުޅުނު އެއް ޓީމަކީ އަލިފުށިކަން ފާހަގަކޮށް ސުޒެއިންވަނީ މުބާރާތުގައި ގައުމީ ފެންވަރުގެ ކުޅުންތެރިން ފާހަގަވިކަން ހާމަކޮށްފައެވެ.
އޭގެ އިތުރުން ސުޒޭން ފާހަގަ ކުރި ގޮތުގައި ޕްރޮފެޝަނަލް ބޯޅަ ކުޅުން ހުއްޓާލާފައިވާ ޝަމްވީލް ގާސިމްވެސް ނިމިގެން ދިޔަ ގޯލްޑްކަޕުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ކުޅުނެވެ.
ގޯލްޑްކަޕުގައި މޮޅު ކުޅުމެއް ކުޅުނު އަލިފުށި މުބާރާތާ ވަކިވީ ސެމީ ފައިނަލުންނެވެ. ސެމީގައި ބަލިވި އަލިފުށި ޓީމު އެނބުރި ރަށަށްދިޔުމުން އެ ރަށުގެ ރައްޔިތުންވަނީ ޓީމަށް ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔާފައެވެ.
އަލިފުށީ ޓީމަކީ ނިމިގެން ދިޔަ ގޯލްޑްކަޕުގައި އެންމެ ރަނގަޅު ސަޕޯޓެއްވެސް ކުރި އެއް ޓީމެވެ. މުބާރާތުގެ ފުރަތަމަ ބުރުން ފެށިގެން ސެމީ ފައިނަލުން އެ ޓީމު ބަލިވުމާހަމައަށްވެސް އަލިފުށީ ސަޕޯޓަރުން ކޮންމެ ދުވަހަކުވެސް ދަނޑަށްވަދެ އެ ޓީމަށް ތަރުހީބު ދިނެވެ.