
އަޒަރުބައިޖާން އެއާލައިންސްގެ ފްލައިޓް ޖޭ2-8243 އަކީ އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ރަޝިއާގެ ގްރޮޒްނީއަށް ދަތުރުކުރަމުން ދިޔަ ފްލައިޓެކެވެ. ކުރިން އާންމުވި ރިޕޯޓްތައް ބުނާ ގޮތުން، މޫސުން ގޯސްވެ، ޖައްވު ނުސާވުމުން އެ ބޯޓު އަނބުރާލި ކަމަށާއި އަދި އެމެޖެންސީގައި ޖައްސަން ކުރި މަސައްކަތް ނާކާމިޔާބުވެ ބޯޑު ވެއްޓުނީ ކަމަށެވެ.
މި ހާދިސާގައި ބޯޓުން ދަތުރުކުރި 67 މީހުންގެ ތެރެއިން 38 މީހަކު ވަނީ މަރުވެފަ އެވެ.
ނަމަވެސް މިހާރު އާންމުވެފައިވާ ރިޕޯޓްތައް ބުނާ ގޮތުން މި ބޯޓު ވެއްޓެން މެދުވެރިވި މައިގަނޑު ސަބަބަކީ ރަޝިއާގެ ދިފާއީ ނިޒާމްގެ އިލެކްޓްރޯނިކްސްގެ ބާރުގަދަކަމުންނެވެ. މަތިންދާބޯޓު ވެއްޓިފައި އޮތް ސަރަހައްދު ހޯދައި ބޭލުމުގެ ތެރޭގައި، މަތިންދާބޯޓުގެ ހުންގާނުގައި ހުރި ބޮޑު ބާގަނޑެއް ފެނި، އެއީ ރަޝިއާގެ މިސައިލް ނިޒާމުން ފޮނުވި މިސައިލެއް އެރުމުގެ ސަބަބުން ހިނގި ހާދިސާއެއްކަން ގާތްގަނޑަކަށް މިހާރު ވަނީ ކަށަވަރުވެވަ އެވެ.
މަތިންދާބޯޓު ވެެއްޓުނު ހާދިސާގެ ތަހުގީގާ ބެހޭ މައުލޫމާތު އެނގޭ މަސްދަރަކުން ރޮއިޓާސް އަށް ބުނީ ތަހުގީގަށް ފާހަގަވެފައިވާ ގޮތުގައި މަތިންދާބޯޓު ރަޝިޔާގެ ޕެންޓްސަރ-އެސް ވައިގެ ދިފާއީ ނިޒާމުގެ އަމާޒަކަށް ވެފަ އެވެ. ގްރޮޒްނީއަށް ދަތުރުކުރަމުން ދިޔަ ވަގުތު ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުން ބޯޓުގެ ހުރިހާ މުވާސަލާތީ ގުޅުމެއް ކަނޑާލި ކަމަށް އޭނާ ބުނެ އެވެ.
އެއީ ރަޝިޔާއިން ގަސްތުގައި ދިން ހަމަލާއެއް ކަމަށް ނުބެލެވުނަސް ލިބެން ހުރި މައުލޫމާތަކުން މަތިންދާބޯޓު ވެއްޓުނީ ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުގެ ސަބަބުން ކަމަށް ރަޝިޔާއިން އިއުތިރާފު ވާން ޖެހޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަޒަރުބައިޖާނުގެ މަތިންދާބޯޓު ވެއްޓުމާ ގުޅޭގޮތުން ރަޝިޔާގެ ދިފާއީ ވުޒާރާގެ ބަހެއް ލިބިފައެއް ނުވެ އެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނުން ބުނީ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށާއި ތަހުގީގު ނިމުމުގެ ކުރިން ވަކި އެއްޗެއް ބުނުން ރަނގަޅު ނޫން ކަމަށެވެ.
ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށާއި ބޯޓު ވެއްޓުނު ސަބަބެއް އަދި ބުނަން އެނގޭނީ ހުރިހާ ކަމެއް ބަލައި ނިމުމަށް ފަހުގައި ކަމަށް އަޒަރުބައިޖާންގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.