
އެފްއޭއެމް ފެޑެރޭޝަނަކަށް ބަދަލުކޮށް ރީޖަނަލް އެސޯސިއޭޝަންތައް ހަދަން ފުރުސަތު ދޭން ޖެހިއްޖެ ކަމުގައި އަތޮޅުތަކުން ދައްކައިފި ކަމަށް އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު ޑުންގާ ބުނީ، ނިމިގެން ދިޔަ ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އިޝާރާތްކޮށް، ސޯޝަލް މީޑިއާގައެވެ. ޑުންގާވަނީ ދިވެހި ފުޓްބޯޅަ ޑީސެންޓްރަލައިޒް ކުރުމަށް ގޮވާލާފައެވެ.
ރާއްޖޭގެ ފުޓްބޯޅަ ކުޅޭ ސިސްޓަމް ބަދަލު ކުރަން ޖެހޭކަން ގޯލްޑްކަޕާ އެކު އެނގިގެން ހިނގައްޖެ ކަމަށް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އައްޑޫ ސިޓީ ގެންގޮސްދިން ތަޖުރިބާކާރު ކުޅުންތެރިޔާ އަދި އަރަމުން އަންނަ ޒުވާން ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ) ވެސްވަނީ ބުނެފައެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ގައުމީ ލީގު ޕްރައިވެޓައިޒް ކުރުމަށް ފަހު ލީގު ހިންގުމުގެ ހުރިހާ ރައިޓްސްއެއް ހިންގާ ފަރާތްތަށް ދިނުން މުހިއްމެވެ.
މިއީ އެފްއޭއެމްގެ ހިންގުމުގައި ހުރިހާ ޒޯނެއް ނުވަތަ ސަރަހައްދެއް ބައިވެރި ކުރެވޭނެ ނިޒާމެއް އުފަން ކުރުވަންވީ ވަގުތު ކަމަށް ގިނަ ބަޔަކު ދެކެއެވެ. ލީގުގައި ވެސް ކޮންމެ ވެސް ދުވަހަކުން ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުޅެވޭނެ ދުވަހެއް އަންނަން ޖެހޭ ކަމަށް، ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އޭދަފުށީ ޓީމުގެ ކެޕްޓަން، އިޝާން އިބްރާހިމް (ސައްޓު) ވެސްވަނީ ބުނެފައެވެ.
ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ، ރަނގަޅު ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ހަރުދަނާކޮށް މި ކޮންސެޕްޓް ކުރިއަށްދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ދިވެހި ކުޅިވަރުގެ ޒުވާން ހިދުމަތްތެރިޔާ، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނެރަލް ސެކެއްޓްރީ އަހްމަދު މަރުޒޫގުވެސް ވިދާޅުވިއެވެ.
ކެނޑިފައި ފުޓްބޯޅައިގެ ފޯރި، ގޯލްޑްކަޕާ އެކު އަލުން އައިސްފައިވާއިރު، މި މުބާރާތާއެކު ފުޓްބޯޅައިގެ ސިޔާސަތު ބަދަލުވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް، ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެފްއޭއެމްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ހާމިދު އަބްދުލްގަފޫރުވެސްވަނީ ވިދާޅުވެފައެވެ.