ads
މި ސަރުކާރު ވައްޓާލަން އިންޑިއާގެ ރޯގެ އެހީ ހޯދަން އުޅުނު: ވޮޝިންޓަން ޕޯސްޓު
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި, އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމުން ދުރުކުރަން ރާވައި، އެކަމަށް އިންޑިއާއިން ފައިސާގެ އެހީ ހޯދަން މަސައްކަތް ކުރި ކަމަށް އެމެރިކާގެ ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފި އެވެ.
Advertisement

ވޮޝިންގްޓަން ޕޯސްޓުން ޝާއިއުކުރި ރިޕޯޓުގައި ވަނީ އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ ކަމަށްވާ ރިސާޗް އެންޑް އެނަލިސިސް ވިންގް (އާރްއޭޑަބްލިޔު) އިން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ސަރުކާރާ އިދިކޮޅު ސިޔާސީ ލީޑަރުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރަކަށް ރިޝްވަތު ދިނުމާއި، ސިފައިންނާއި ފުލުހުންގެ އިސް 10 އޮފިޝަރަކަށް ރިޝްވަތު ދިނުމާއި، ރާއްޖޭގެ ނަން މަޝްހޫރު ތިން ގޭންގަކަށް ރިޝްވަތު ދިނުން ހިމެނޭ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ.

އެ ޕްލޭން ތަންފީޒުކުރަން ބޭނުންވާ ހަ މިލިއަން ޑޮލަރު އިންޑިއާއިން ހޯދުމަށް އެ ގައުމާއެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެ އެވެ. ނަމަވެސް އެ ޕްލޭނާ އެއްގޮތަށް ކަންކަން ނުދިއުމުން އިންޑިއާއިން ފައިސާ ދޭން ދެކޮޅު ހަދާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ރާއްޖެއާ ގުޅުން ހުރި ކަންތަކުގައި މީގެ ކުރިން ރޯގައި އިސްކޮށް މަސައްކަތް ކުރެއްވި ހޯމިސް ތަރަކަން ނަމަކަށް ކިޔާ މީހަކާ ހަވާލާދީ އެ ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުން، ރާއްޖެއާ އެކު ގާތް ގުޅުމެއް ގާއިމް ކުރުމަކީ އިންޑިއާއަށް ކޮންމެހެން މުހިއްމު ކަމެކެވެ.

އޭޝިއާ އާއި މެދު އިރުމައްޗާ ގުޅުވައިދޭ މުހިއްމު ސަރަހައްދެއްގައި ރާއްޖެ އޮންނައިރު، ރާއްޖޭގެ މައްޗަށް ނުފޫޒެއް އޮތުމަކީ އިންޑިއާ ނުވަތަ ޗައިނާއަށް ވެސް އިންޑިއާ ކަނޑާއި އަރަބި ކަނޑުގައި އެ ބައެއްގެ ބާރުގަދަކުރުމަށް އޮތް އެންމެ ފަސޭހަ ގޮތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ވޮޝިންޓަން ޕޯސްޓުގެ ލިޔުމަށް ގިނަ އަަދަދެއްގެ ދިވެހިންގެ އިންޓަވިއު ނަގާފައިވާއިރު، އެ މީހުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވާ ގޮތުން، މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީ ވެރިކަމަށް ގެނައުމާއި އެ ޕާޓީގެ ވެރިކަން ދެމެހެއްޓުމަށް އިންޑިއާ އިން އެއްބާރުލުން ދެމުން ގޮސްފައިވެ އެވެ.

މީގެ އިތުރުން އޭރުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ، އެ ވޯޓަށް ފައިސާ ނުލިބުނު ނަމަވެސް މަޖިލިސް އިންތިހާބަށް އިންޑިއާގެ ފައިސާގެ އެހީ ލިބޭނެ ކަމަށް ވިދާޅުވި ކަމަށް ވޮޝިންޓަން ޕޯސްޓުގައިވެ އެވެ.

އެ ނޫހުން އަނދުން ހުސައިންއާ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، ރައީސް އަޒުލުކުރަން ރޭވި ރޭވުމެއްގައި ބައިވެރިވި ކަމަށް ވިދާޅުވި ނަމަވެސް، ފައިސާ ހޯދަން މަސައްކަތް ކުރިތޯ ސުވާލުކުރުމުން އެކަމަށް ޖަވާބެއް ނުދިން ކަމަށް އެ ނޫހުގައިވެއެވެ. އަދި އިންތިހާބަށް އިންޑިއާގެ ފައިސާ ހޯދަން ހުށަހެޅި ވާހަކަ އީސާ ދޮގު ކުރެއްވި ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އެތައް މަހެއް ވަންދެން ސިއްރު ބައްދަލުވުންތަކެއް ބޭއްވި ނަމަވެސް، ރައީސް މަގާމުން ދުރުކުރެވޭ ވަރަށް، އެކަމުގައި ބައިވެރިވި މެންބަރުންނަށް ތާއިދެއް ނުލިބުނު ކަމަށް ވޮޝިންޓަން ޕޯސްޓުގައިވެ އެވެ. އަދި އިންޑިއާއިން ވެސް އެ ފައިސާ ނުދިން ކަމަށް އެ ނޫހުގައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން މިފަދަ ބޮޑު ރޭވުމެއް ރާވަމުންދާ ކަމުގެ މައުލޫމާތު ރައީސް މުއިއްޒަށް ލިބިވަޑައިގެން، އެކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުއްވި ކަމަށް ވެސް ޕޯސްޓުގެ ހޯދުންތަކުން ދައްކަ އެވެ. އޭރު ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީ ތަމްސީލް ކުރައްވާ 11 މެމްބަރަކު ޕީއެންސީގެ ކޮޅަށް ގެންނެވީ، އެ ރޭވުމަށް ހުރަސް އެޅުއްވުމުގެ ގޮތުން ކަމަށް ޕޯސްޓުން ބުންޏެވެ.

މި ބޮޑު ރޭވުމާ ގުޅޭގޮތުން، އިންޑިއާގެ ފޮރިން މިނިސްޓްރީން ވެސް އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވި ކަމަށް ޕޯސްޓުން ބުނެފައިވެ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލިހުގައި އޮތީ އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް ކަމަށް ވާއިރު، އެ މަނިކުފާނުގެ ވެރިކަން މަޖިލިހުގެ ތެރެއިން ބަދަލުކުރަން އުޅޭ ކަމަށް ބުނެ ޕީއެންސީގެ ބައެއް އިސް މެމްބަރުންނާއި ސަރުކާރުގެ ބައެއް ވެރިން ވެސް އެކި ޕްލެޓްފޯމުތަކުގައި ވިދާޅުވެފައި ވެ އެވެ.

އެ ކަންތަކާ ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަދި ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް ހޯދަން ކުރި މަސައްކަތުން އެއްވެސް ސަރުކާރެއްގެ ރަސްމީ ބަހެއް ވޮޝިންޓަން ޕޯސްޓަށް ލިބިފައި ނުވާ ކަމަށް އެ ލިޔުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް