ads
ރާއްޖޭގެ ވެރިކަން ވައްޓާލަން އިންޑިއާ ސަރުކާރުން އެހީއެއް ނުވާނެ: ނަޝީދު
އިންޑިއާ ސަރުކާރުން ދުވަހަކު ވެސް ރާއްޖޭގެ ރައީސަކު މަގާމުން ދުރު ކުރަން އެހީތެރި ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އިންޑިއާގެ ޖާސޫސީ އިދާރާ، ރޯ އެޖެންޓުންގެ އެހީތެރިކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ރޭވި ކަމަށް ބުނެ އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރައީސް މުއިއްޒާއި ދެކޮޅަށް މިފަދަ ރޭވުމެއް ރޭވިކަން ކުރިން އެނގިފައި ނުވާ ކަމަށާއި އިންޑިއާ އިން މިފަދަ ކަމަކަށް އެހީ ނުވާނެ ކަމަށެވެ. އެގޮތުން އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ ޑިމޮކްރެސީ އަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އިންޑިއާ އިން ދުވަހަކު ވެސް ނާންގާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އެފަދަ ކަމަކަށް އިންޑިއާ އިން ބާރެއް ނުދޭނެ. އެއީ އަބަދުވެސް ރާއްޖޭގެ ޑިމޮކްރަސީއަށް އިހުތިރާމް ކުރާ ގައުމެއް. އިންޑިއާ ދުވަހަކު ވެސް އަހަރެމެންގެ މައްޗަކަށް ގޮތެއް ނުކިޔާ،" ނަޝީދު ވިދާޅުވި އެވެ.

ވޮޝިންގްޓަން ޕޯސްޓުގެ ތަހުގީގަށް ފަހު ބުނީ، އެ ޕްލޭންގައި "ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް" ނަމުގައި ތައްޔާރު ކޮށްފައިވާ ކަރުދާހެއްގައި އޮތީ، ޕީއެންސީ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 40 މެމްބަރަކަށް ރިޝްވަތު ދީގެން، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ކަމަށެވެ.

އެ ކަރުދާހުގެ ކޮޕީއެއް ވޮޝިންގްޓަން ޕޯސްޓަށް ލިބިފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ރާއްޖޭގައި ގާއިމްވެފައިވާ ވެރިކަން ވައްޓާލުމަށް ކުރާ މަސައްކަތަކީ އިންޑިއާގެ ސަރުކާރުގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދާ މަސައްކަތެއް ކަމެއް ނުވަތަ ނޫން ކަމެއް އެ ނޫހަށް ޔަގީން ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

އެ ކަންތަކާ ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަދި ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް ހޯދަން ކުރި މަސައްކަތުން އެއްވެސް ސަރުކާރެއްގެ ރަސްމީ ބަހެއް ވޮޝިންޓަން ޕޯސްޓަށް ލިބިފައި ނުވާ ކަމަށް އެ ލިޔުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލިހުގައި އޮތީ އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް ކަމަށް ވާއިރު، އެ މަނިކުފާނުގެ ވެރިކަން މަޖިލިހުގެ ތެރެއިން ބަދަލުކުރަން އުޅޭ ކަމަށް ބުނެ ޕީއެންސީގެ ބައެއް އިސް މެމްބަރުންނާއި ސަރުކާރުގެ ބައެއް ވެރިން ވެސް އެކި ޕްލެޓްފޯމުތަކުގައި ވިދާޅުވެފައި ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް