ads
ގޯލްޑްކަޕް ހޯދި އޭދަފުށީ ޓީމު
ގޯލްޑް ކަޕްގެ ތަޖުރިބާ
ގޯލްޑް ކަޕަކީ ދިވެހި ފުޓުބޯޅައިގެ އިންގިލާބީ ބަދަލުގެ ފެށުމެވެ. އިންތިގާލީ މަރުހަލާއެކެވެ!
Advertisement

ގޯލްޑްކަޕުން ގެނެސްދިން އިންގިލާބީ ވިސްނުމަކީ މާލެއިން ބޭރުގައި މާ ސަޕޯޓަރުން ގިނަ އަދި މާމޮޅު ކްލަބްތައް އުބައޮތްކަމެވެ. އަދި އެފަދަ ރަށްރަށާއި ސިޓީތަކުން ސަރުކާރުގެ (ލޯކަލް ގަވަންމަންޓްގެ) އިތުރުން އަމިއްލަ ފަރާތަތަކުންވެސް ފުޓުބޯޅައަށް އިންވެސްޓް ކުރާކަމެވެ.

ގޯލްޑް ކަޕްގެ ސަބަބުން ރީޖަނަލް އެސޯސިއޭޝަންތަކަކަށް (ރާއްޖޭގައި ކިޔާ ގޮތަށްނަމަ "ޒޯން" ތަކަށް) ފުޓުބޯޅަ ލާމަރުކަޒުކުރުމުގެ ސިޔާސަތަށް ތާއީދު ބޮޑުވެއްޖެއެވެ. ފުޓުބޯޅަ ލާމަރުކަޒު ކުރުމުގެ ސިޔާސަތަކީ އެފްއޭއެމްގެ ސްޓެޓިއުޓްސް (އަސާސީ ގަވާއިދު) ގެ 10 އާއި 18 ވަނަ މާއްދާއއާއި 22 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސިޔާސަތަކަށް ވީނަމަވެސް، ވެއަތުވެދިޔަ އަހަރުތަކުގައި މިސިޔާސަތަށް އަމަލު ކޮށްފައެއް ނުވެ އެވެ. އެފްއޭއެމް އޮތީ ލާމަރުކަޒުކުރުމާ ދުރު ޖަމާއަތެއްގެ ގޮތުގަ އެވެ.

ޒޯންތަކަށް ލާމަރުކަޒުކުރުމަށް ތާއީދު ލިބުން

އެފްއޭއެމުން ލާމަރުކަޒުކުރުމުގެ ސިޔާސަތު ބަލައި ނުގެންނަމަވެސް، ރާއްޖެ މިވަނީ ގާނޫނުއަސާސީގެދަށުން ލާމަރުކަޒުކޮށްފައެވެ. ރާއްޖެއަކީ "ޔުނިޓަރީ" ދައުލަތަކަށް ވުމުން، ރާއްޖެ ލާމަރުކަޒުކޮށްފައި އޮތީ "ފެޑަރަލް" ދައުލަތަކުން އެކަން ކުރާ އުސޫލަކުން ނޫނެވެ.

ވީމާ ފީފާއިން އެޕްރޫވްކުރި، އެފްއޭއެމްގެ ސްޓިއުޓްސް އިންވެސް ލާމަރުކަޒުކުރުމަށް ކަނޑައަޅާފައިވަނީ ޔުނިޓަރީ ދައުލަތެއްގައި އެކަން ކުރާ ގޮތަށެވެ. ވީމާ 18 ވަނަ މާއްދާގެ 1 ވަނަ ނަމްބަރުގައި ރީޖަނަލް އެސޯސިއޭޝަންތަކަކީ އެފްއޭއެމްއަށް "ސަބޯޑިނޭޓް" އެސޯސިއޭޝަންތަކަކަށް ވާންޖެހޭނެކަމަށާއި، މި އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދަކީ އެގްޒެކެޓިވް ކޮމިޓީން "އެޕްރޫވް" ކުރަންޖެހޭ ގަވާއިދެއްކަމަށް ކަނޑައަޅާފައި ވެއެވެ.

your imageއެފްއޭއެމް ސްޓެޓިއުޓްސްގެ 18 ވަނަ މާއްދާ – ކްލަބްތަކާ، ލީގް ތަކާ، ރީޖަނަލް އެސޯސިއޭޝަންތަކާއި އަދި ކްލަބްތަކުގެ ގްރޫޕްތަކުގެ ހައިސިއްޔަތު

18 ވަނަ މާއްދާއިން ރީޖަނަލް އެސޯސިއޭޝަންތަކުގެ ހައިސިއްޔަތާއި، ހައްގުތައް އެފްއޭއެމަށް "ސަބޯޑިނޭޓް" ކޮށް އުފަންކުރަން ހިންގާކޮމިޓީން އިސްނަގާފައެއްނުވެއެވެ. ވީމާ އެފްއޭއެމަކީ އެޖަމިއްޔާގެ އަސާސީ ގަވާއިދާ އެއްގޮތަށް އަމަލުކުރާ ޖަމާއަތެއް ނޫނެވެ. ޖަމިއްޔާގެ އަސާސީ ގަވާއިދަށް އެސޯސިއޭޝަންގެ ވެރީން ތަބާވާން ދެކޮޅުހަދައެވެ. ނަތީޖާއަކަށްވީ ތިންވަނަ ފަހަރަށް، އެންމެފަހުން މިއަހަރު، އެފްއޭއެމް އަނެއްކާވެސް ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ދަށަށް ފޮނުވަން ޖެހުމެވެ.

މިއީ ޅަފަތުގައި އޮތް ރާއްޖެފަދަ ބައެއް އެހެން ގައުމުތަކުގެވެސް ތަޖްރިބާއެވެ. ކަރަޕްޝަނަކީ އެކުއެކީ ހިނގާ ކަމެކެވެ. މިފަދަ ގައުމުތަކަކީ ފީފާއަށް އާ ގައުމުތަކެއް ނޫނެވެ. ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ދަށަށް ރާއްޖެ ފޮނުވީ އަސާސީ ގަވާއިދާ ހިލާފަށް އެފްއޭއެމް ހިންގާތީއެވެ. މިސާލަކަށް އަސާސީ ގަވާއިދުގެ 73 ވަނަ މާއްދާގައި އެބުނާ ހަތް (7) ތަފާތު މުބާރާތް ގަވާއިދުން ނުބާއްވައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް ސަސްޕެންޝަންއެއް ނުދީ ހަމަ އެކަނި ނޯމަލައިޒް ކުރަން ނިންމިކަމީ އަޅުގަނޑުމެން އުއްމީދާއި އެކު ބަލައިގަންނަންޖެހޭނެ ކަމެކެވެ.  

ނިމިގެންދިޔަ ގޯލްޑްކަޕަކީ އެފްއޭއެމް މުބާރާތެއް ނޫނެވެ. (އާޓިކަލް 73 ގެ 2 ބައްލަވާ) އެހެންނަމަވެސް މިމުބާރާތުގެ ސަބަބުން މެދުވެރިކޮށްދިން ހާއްސަ 2 ކަމެއް ފާހަގަ ކުރަންޖެހެ އެވެ. ފުރަތަމަ ކަމަކީ މިމުބާރާތުގެ ސަބަބުން ދިވެހި ފުޓުބޯޅައަށް އާ ހޭލުންތެރިކަމެއް ގެނެސްދިން ކަމެވެ. އެއީ ލާމަރުކަޒުކުރުމުން ފުޓުބޯޅައަށް ހުރި ފައީދާތަކުގެ އަގު ވަޒަންކުރެވުމެވެ. ގޯލްޑް ކަޕްގެ ސަބަބުން އޮޅުންފިލި ދެވަނަ ކަމަކީ މިމުބާރާތަކީ ފުޓުބޯޅަ ކޯޗުންގެ ތެރެއިން އުފެދުނު ލީޑަރުންގެ އިސްނެގުމުން އުފަންވި މުބާރާތެއް ކަމެވެ. އަދި އެފްއޭއެމް ފިޔަވާ އަމިއްލަ ގަރާތްތަކުން މާމޮޅަށް މުބާރާތް ހިންގިދާނެކަމެވެ.

ހުލާސާކޮށް ދަންނަވަނީނަމަ، ރީޖަނަލް އެސޯސިއޭޝަންތަކަށް އެފްއޭއެމް ލާމަރުކަޒުކޮށްފައި އޮތީ 1986 ން މިއަދާ ހަމައަށް ދެމިގެންގޮސްފައިވާ ފުޓުބޯޅަ ލާމަރުކަޒުކުރުމުގެ ތާރީހީ ސިޔާސަތެއްގެ ދަށުންނެވެ. އަދި މިސިޔާސަތަކީ ފީފާއިން ބަލައިގަންނަ ސިޔާސަކަށް ވެ، ރާއްޖޭގައި އެއިރުވެސް އޮތް 9 ޒޯން މިހާރު އެވަނީ 10 ވަނަ މާއްދާގެ "ސީ" ގައި ބަޔާންކޮށް، 22 ވަނަ މާއްދާގެ "ސީ" އިން ވޯޓް ލުމުގެ ހައްގުވެސް ދީފައެވެ.

އަމިއްލަ ފަރާތަކުން ކާމިޔާބު މުބާރާތެއް ހިންގުން

ރާއްޖޭގައި މިހާތަނަށް "އަމިއްލަ" ފަރާތްތައްގޮތުގައި ފުޓުބޯޅަ އިންތިޒާމްކުރަމުންއައިސްފައިވަނީ އެކެޑަމީތަކުންނާއި، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ދާއިރާއިން އުފައްދާފައިވާ ކޯޕަރޭޓް ޖަމާއަތްތަކުންނެވެ. ގޯލްޑްކަޕް އުފަންކޮށް ކާމިޔާބު ކުރީ ފުޓުބޯޅަ ކޯޗުންގެ ގެރޫޕަކުންނެވެ. "ޕްރައިވެޓް އެންޓަރޕްރައިސް" އެއްގެ ގޮތުގައި ރަމްޒުވެގެން ދިޔަ "90 ޕްލަސް" ގްރޫޕުންނެވެ. މިކަން ހިނގާދިޔަގޮތާބެހޭގޮތުން އިސްނެންގެވި ދެ ކޯޗުންކަމުގައިވާ، މުހަންމަދު ޝާޒްލީ އާއި އަލީ މުހަންމަދު ނިޝްތާރު ގެ ބަސްދީގަތުންތައް އޮންލައިން މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ނައިންޓީ ޕްލަސްގެ މަސައްކަތަށް ތައުރީފްކުރުން ހައްގެވެ. ކްލަބްތަކުގެ ހަރަކާތްތައް ހުއްޓި، ކޯޗުންނަށް ވަޒީފާތައް ގެއްލުމުން، ނައިންޓި ޕްލަސްއަށް ޖެހުނީ ކައުންސިލްތަކުގެ އެހީ ހޯދާށެވެ. އެންމެފަހުން 17 ކައުންސިލް ކްލަބް އަމިއްލަ ހަރަދުގައި މާލެއައިސް ގަލޮޅު ރަސްމީދަނޑުގާ ރަށާއި ސިޓީތަކުގެ ނަމުގައި ކުޅެން އެއްބަސްވީއެވެ. ކައުންސިލް ކްލަބްތަކަކީ ސްޓެޓިއުޓްސް ގެ 10 ވަނަ މާއްދާގެ 3 ގައި އެވާ ޝަރުތުތައް ފުރިހަމަ ނުވާ ފަރާތަކަކަށް ވާތީ، ފީފާ ނޯމަލައިޒޭޝަން ކޮމިޓީން ފުރަތަމަ ނިންމީ އެފްއޭއެމްގެ އޮފިޝަލުން މިކަމުގައި ބައިވެރިވުން މަނާކުރުމެވެ.

އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތު ތަފާތުކަން އެނގިއްޖެއެވެ. މިނިސްޓަރ މިކަން ބަލައިގެން ގަލޮޅު ރަސްމީ ދަންޑު ދޫކޮށްފިއެވެ. ޕީއެސްއެމުން މްޗްތައް ލައިވްކޮށްދޭން އިސްނަގައިފިއެވެ. މިހިސާބުން މިކަން ކާމިޔާބުކުރުމުގައި މުބާރާތް ފޯމެޓްކުރިގޮތާ، މާކެޓްކޮށް މެނެޖްކުރިގޮތުގެ ނަތީޖާ އަކީ ގޯޅްޑް ކަޕްގެ ކާމިޔާބެވެ.

ފުޓްބޯލް ރައިޓްސް އައުޓްސޯސްކުރުން، 75 ވަނަ މާއްދާ.

ނައިންޓީ ޕްލަސް ގޯލްޑް ކަޕުން އެނގިގެން ދިޔައީ ފުޓުބޯޅަ މުބާރާތްތަކަކީ ކޮންމެހެން އެފްއޭއެމުން ހިންގަންޖެހޭ ހަރަކާތެއް ނޫންކަމެވެވެ. އަމިއްލަ ފަރާތަތަކުން މާމޮޅަށް މުބާރާތް ހިންގިދާނެކަމެވެ. މިއީ ދުނިޔޭގެވެސް ތަޖްރިބާއެވެ. ގާތުން، އިންޑިއަން ސުޕަރަ ލީގް ބައްލަވާށެވެ.

ފުޓްބޯޅަ ރައިޓްސް އައުޓްސޯސްކުރުމަކީ އެފްއޭއެމްގެ ސްޓެޓިއުޓްސްއިން ޖާގަ ދޭކަމެކެވެ. އާޓިކަލް 75 – ރައިޓްސް، މިމާއްދާގެ 2 ވަނަ ނަމްބަރުގައި ބުނަނީ މިފަދަ ރައިޓްސް، ތިންވަނަ ޕާޓީއަކަށް ދޫކުރެވިދާނެކަމަށެވެ.

މިހަގީގަތްތަކުގެ އަލީގައި، ފީފާ ނޯމަލައިޒޭޝަން ކޮމިޓީއަށް އޮތް އެއް ގޮތަކީ 73 ވަނަ މާއްދާގެ 1 ގެ "އޭ" ގައި އެވަވާ "ދިވެހި ލީގް" ސްޓިއުޓްސްގެ 10، 18 އަދި 22 ވަނަ މާއްދާއިން އެކުލަވާލާ އޮނިގަނޑުގެދަށުން، އަދި 75 ވަނަ މާއްދާގެ 2 ވަނަ ނަމްބަރުގެ ދަށުން ސްޕޯޓް މެނެޖްމަންޓް ކުންފުންޏަކަށް 73 ވަނަ މާއްދާގެ 1 ގެ "އޭ" ގައި އެބުނާ ދިވެހި ލީގް ގެ ރައިޓްސް ދޫކުރުމެވެ.

ފުޓްބޯލް ރައިޓްސް އައުޓްސޯސް ކުރުމަކީ، އިންތިހާބުކުރެވޭ އެސޯސިއޭޝަނަކުން ނޫނީ ނުކުރެވޭ ކަމަކަށް ވާނަމަ، އެފްއޭއެމްގެ އިންތިހާބު އަވަސްކުރުމަކީ ނޯމަލައިޒޭޝަން ކޮމިޓީން ކުރަންޖެހޭނެ ކަމެކެވެ.  

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. 

ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް