މި މަޝްރޫއުގެ ދަށުން ނަމާދުގެ މަތިވެރިކަމާއި ނަމާދުގައި ކިޔާ ޒިކުރުތަކާއި ދުއާތަކުގެ މާނަ ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ހާއްސަ ސަމާލުކަމެއް ދޭނެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ގޭގެއަށް ދީނީ އިލްމުވެރިން ޒިޔާރަތްކޮށް، ނަމާދާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެއެވެ. މިއީ މިނިސްޓްރީގެ 2025 ގެ އެކްޝަން ޕްލޭންގެ ތެރެއިން ހިންގުމަށް ނިންމާފައިވާ މުހިންމު އެއް މަޝްރޫއެވެ.
މީގެ އިތުރުން، އިސްލާމީ އަހުލާގު ފެތުރުމަށް އަމާޒުކޮށްގެން ހިންގާ ރިސާލަތު ޕްރޮގްރާމުގެ ތެރެއިންވެސް ނަމާދުގެ މުހިންމުކަން އުނގަންނައިދިނުމަށް މަސައްކަތްކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މި ޕްރޮގްރާމްތަކުގެ މައިގަނޑު އަމާޒަކީ އިސްލާމީ ރިވެތި އަހުލާގާއި އާދަކާދަތައް މުޖުތަމައުގައި އާލާކުރުމެވެ.