
ޕީސީބީ އިން މިފަދަ ގަވައިދެއް ހެދީ ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއް ނުވަތަ ހުރިހާ އެސްއޯއީތަކުން އަމަލުކުރާނެ އާންމު އެއް އުސޫލެއް އޮންނަންޖެހޭ ކަމަށް ފެންނާތީ އެވެ.
ޕީސީބީ އިން މިދިޔަ ބުދަ ދުވަހު ފާސްކުރި ގަވައިދުގައިވާ ގޮތުން އެސްއޯއީ އަކުން ލޯން ނަގާނަމަ ޕީސީބީގެ އުސޫލުތައް ފުރިހަމަކުރުމަށްފަހު ހިއްސާދާރުންގެ ހުއްދަ ހޯދަންޖެހެ އެވެ. އަދި ލޯން ނަގަން ފާސްކުރާތާ ފަސް ދުވަހުގެ ތެރޭގައި ޕީސީބީއަށް އެކަން އެންގުމަށްފަހު ލޯން ނެގުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ހުށަހަޅަންޖެހެ އެވެ.
ސަރުކާރުގެ ފަރާތުން ލޯނު ނެގުމަށް އެސްއޯއީތަކަަށް ހުއްދަ ދޭނީ ފިނޭންސް މިނިސްޓްރީންނެވެ. ސަރުކާރުގެ އަގުލަބިއްޔަތު ހިއްސާ އޮންނަ ކުންފުނިތަކުންވެސް ލޯނު ނެގުމަށް އެ މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭނެ އެވެ.
އޭގެ އިތުރުން ކުންފުނީގެ އޮނިގަނޑަށް އަދި މުސާރައިގެ އޮނިގަނޑަށް ބަދަލެއް ގެންނަނަމަ ކުންފުނިން އެކަމާ ގުޅޭ އިޖުރާއާތުތައް ފުރިހަމަކޮށް ފިނޭންސްގެ ހުއްދަ ހޯދަންޖެހޭނެ ކަމަށްވެސް ގައިޑްލައިނުގައި ބުނެފައިވެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލޯނު ނެގުމުގައި އަމަލު ކުރާނެ އުސޫލުގެ އިތުރުން، އިދާރީ އަދި މުސަރައިގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، އިންވެސްޓްމަންޓުތައް ކުރުމުގެ ކުރިން ވެސް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ޕީސީބީން ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.
މިއީ ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއ،ި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން ހިންގުން އިތުރަށް ހަރުދަނާކުރުމާއި އަދި ކޯޕަރޭޓް ގަވަނަންސްގެ ހަމަތައް ނެގެހެއްޓުމަށް އެޅި ފިޔަވަޅެއް ކަމަށް ޕީސީބީން ބުންޏެވެ.
މި ބަދަލު ގެނައުމުގެ ކުރިން، އެސްއޯއީތަކަށް މި ހުއްދަ ދެމުން އައީ ސީދާ ޕީސީބީންނެވެ.