މި ގޮތަށް އަމަލު ކުރުމަށް ނިންމާފައި ވަނީ ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ސަރުކާރުންނެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަގާފަތާއި ދާހިލީ އަދި މުވާސަލާތީ ވުޒާރާތައް ހިމެނޭ ޚާއްސަ މިނިސްޓްރީއަލް ކޮމިޓީއަކުން އަލް ޖަޒީރާ އޮޕަރޭޝަންތައް ހުއްޓާލަން ނިންމީ އޮޅުވާލާ އަދި ހަމަނުޖެހުން އުފެދޭ ކޮންޓެންޓާއި ރިޕޯޓްތައް އުފެއްދުމަށް ބާރުއަޅާ ކަމަށް ބުނެއެވެ.
މީގެ އިތުރުން އަލް ޖަޒީރާއިން ފަލަސްތީނުގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފުވެފައިވާ ކަމަށާއި އެހެންވެ ނޫސްވެރިންނާއި މުވައްޒަފުންނާއި ކްރޫ މެންބަރުންގެ ގާނޫނީ ހައިސިއްޔަތާ މެދު އޮތް ސުވާލު ހައްލުކުރެވެންދެން އެ އެންމެން މަސައްކަތްކުރުން ވެސް ވަގުތީ ގޮތުން މަނާވާނެ ކަމަށް ޕީއޭ އިން ނެރުނު ނިންމުމުގައި ބުނެފައިވެ އެވެ.
އަލް ޖަޒީރާގެ ބައެއް ނޫސްވެރިން ވަނީ ރާމަﷲ ގައި ހުންނަ އަލް ޖަޒީރާގެ އޮފީސް ބަންދުކުރުމުގެ ނޯޓިސް އައިސްފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ފަތަހް ޖަމާއަތުން އެކުލަވާލާފައި ފަލަސްތީނު ސަރުކާރުގެ މި ނިންމުން ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަ ކުރަމުން އަންން ހަމާސް އިން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ހަމާސް ގުޅިގެން އުޅޭ އިސްލާމިކް ޖިހާދުން ވަނީ އެ ނިންމުން ކުށްވެރިކޮށް ވަނީ ބަޔާން ނެރެފަ އެވެ.
ހަމާސް އިން ބުނީ މި އަމަލަކީ ފަލަސްތީނުގެ ބިންތައް ހިފައި ލާއިންސާނީ އަމަލުތައް ހިންގަމުންދާ އިޒްރޭލުން ނިންމާ ފަދަ ނިންމުމެއް ކަމަށެވެ.
އިސްރާއީލުންވެސް މީގެކުރިން ވަނީ އަލް ޖަޒީރާ މަނާކޮށްފަ އެވެ. އަދި އެތައް ފަހަރު އަލް ޖަޒީރާގެ އޮފީހަށް ވަދެ ތަކެއްޗަށާއި ނޫސްވެރިންނަށް ހަމަލާދީ އެތައް ނޫސްވެރިންނެއް ޝަހީދުވެސްކޮށްލައިފައިވެ އެވެ.