ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، އެޓަރނީ ޖެނެރަލް އޮފީހުން ނެރުނު ބަދަލު ދިން ފަރާތްތަކުގެ ލިސްޓުގައި މިހާރުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ދީފައިވާ ބަދަލުތަކުގެ މައުލޫމާތު ހިމަނާފައި ނުވާ ކަމަށެވެ.
އަމީރު ވިދާޅުވި ގޮތުގައި ވިލާ ގްރޫޕަށް ވެސް ކުރީގެ ސަރުކާރުން އަތުލާފައިވާ ރަށްތަކަށް ބަދަލު ދީފައިވާނެއެވެ. އަދި އެ ބަދަލު ދީފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމަކާ އެއްކޮށް ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ މިހާރުގެ ސަރުކާރުން ސިޔާސީ ވިސްނުން އެއްގޮތްވާ ފަރާތްތަކަށް ދީފައިވާ ބަދަލުތަކުގެ މައުލޫމާތު ފޮރުވައި، ސިޔާސީ ވިސްނުން ތަފާތު ފަރާތްތަކަށް ދީފައިވާ ބަދަލުތަކުގެ މައުލޫމާތު އެކަނި ހާމަކޮށްފައިވާ ކަމަށެވެ. އަދި މިއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އަމީރު ވިދާޅުވިއެވެ.