މޫސުން ގޯސްވެ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ ވީއައިއޭ ހިމެނޭހެން މެދުރާއްޖެތެރެއަށް މިއަދުގެ 15:00 އަށް ރީނދޫ ސަމާލެއް ވެސް ނެރެފައެވެ. އެ ސަރަހައްދުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ފްލައިޓް ރާޑާއިން ދައްކާ ގޮތުގައި ބޭރުގެ ބޮޑެތި ބޯޓުތައް ވެސް ވަނީ ވީއައިއޭއަށް ނުޖެއްސި މަތީގައި މަޑުކުރަން ޖެހިފައެވެ. އެގޮތުން, ފްލައި ދުބާއީއާއި ސިންގަޕޯ އެއާލައިންސްގެ އިތުރުން މޯލްޑިވިއަންއިން މާވަރުލަށް ދަތުރުކުރި ފްލައިޓަށް ވެސް ވަނީ ޖެއްސޭނެ ގޮތެއްނުވެ, މަޑުކުރަން ޖެހިފަ އެވެ.
މޫސުން ގޯސްވެ މިއަދު މާމިގިލި އެއާޕޯޓަށް ދަތުރުކުރި ފްލައިމީގެ ބޯޓެއް ވެސް ވަނީ ޖެއްސޭތޯ، އެއް ގަޑިއިރު ހޭދަކުރުމަށް ފަހު އަނބުރާ ވީއައިއޭއަށް ދަތުރުކޮށްފަ އެވެ.
އޭވިއޭޓާ މޯލްޑިވްސްއިން މައުލޫމާތުދޭ ގޮތުގައި ވައިގެ ބާރުމިން މިހާރު އުޅެނީ 35 ނޮޓިކަލް މޭލުގައެވެ. އަދި ވިޒިބިލިޓީ އުޅެނީ 2000 މީޓަރުގަ އެވެ.
މެޓުން ކުރިން ވެސް ބުނެފައިވާ ގޮތުގައި ރާއްޖެ އަށް މޫސުން ރަނގަޅު ވާނީ އާދިއްތަ ދުވަހުން ފެށިފެންނެވެ.
އިރުވައި މޫސުމުގެ ހަޅަ ޖަހަން ފަށާފައިވާ އިރު، އެއީ އިރުމަތީ ފަރާތުން ގަދަޔަށް ވައި ޖެހުމެވެ. ނަކަތް ބުނާ ގޮތުން ހަޅަ ލައްވާލާނީ މިދިޔަ އަހަރުގެ ޑިސެމްބަރު 23 އިން ފެށިގެން މި ޖެނުއަރީ 18އާ ހަމައަށެވެ. އެއީ ހަޅައަށް ހާއްސަކޮށް ނަން ދީފައިވާ އިރުވައި މޫސުމުގެ ފުރަހަޅަ އާއި އުތުރުހަޅައިގެ ދުވަސްތަކުގަ އެވެ.
ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިއަދު ހެނދުނު 11:30 އާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
އަދި، 10:30 އިން ފެށިގެން 16:30 އަށް ބ އަތޮޅުން ފެށިގެން ލ އަތޮޅަށް ހުދު ސަމާލު ނެރެފައިވާއިރު ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް 11:00 އިން ފެށިގެން 16:30 އަށް އެ ސަމާލު ދަންމާލާފަ އެވެ.