ads
ރައީސް މުއިއްޒު މޯދީ އަރިހުގައި
ރައީސް މުއިއްޒުގެ ވެރިކަން ވައްޓައިލަން އުޅުނު ވާހަކަ އިންޑިއާއިން ދޮގުކޮށްފި
ރާއްޖޭގެ ވެރިކަން ވައްޓާލުމަށް އިންޑިއާ އިން މަސައްކަތް ނުކުރާނެ ކަމަށާއި އެމެރިކާގެ މަޝްހޫރު ވޮޝިންޓަން ޕޯސްޓު ނޫހުގައި ވާ ލިޔުމަކީ އިންޑިއާއާ ދެކޮޅުވެރިވުމުގެ އަމަލެއް ކަމަށް އިންޑިއާ ސަރުކާރުން މިއަދު ބުނެފި އެވެ.
Advertisement

ވޮޝިންގްޓަން ޕޯސްޓްގެ ރިޕޯޓްގައި ވަނީ ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަން އިންޑިއާގެ ރޯ އެޖެންޓުން ރޭވީ މަޖިލީހުގެ 40 މެންބަރަކަށް ރިޝްވަތު ދީގެން ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން ކަމަށެވެ.

ރޯ އެޖެންޓުން "ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް"ގެ ނަމުގައި ތައްޔާރުކުރި ކަރުދާހުގެ ކޮޕީއެއް ލިބިފައިވާ ކަމަށްވެސް ވޮޝިންގްޓަން ޕޯސްޓްގައި ރިޕޯޓްކޮށްފައިވެ އެވެ. 

އެކަމާ ގުޅިގެން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ވޮޝިންގްޓަން ޕޯސްޓާއި އެ ނޫސްވެރިޔާ ވެސް އިންޑިއާއާ މެދު ގެންގުޅެނީ ޒާތީ ހަސަދަވެރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ. 

"އަޅުގަނޑު ދަންނަވާނީ، ސުވާލު އުފެދޭ ނޫހާއި ނޫސްވެރިޔާ ވެސް އިންޑިއާއާ މެދު އަދާވާތްތެރިކަމެއް ގެންގުޅޭހެން. އެ މީހުންގެ ހަރަކާތްތަކުން އެފަދަ އުސޫލެއް ފެނިގެންދޭ،" އޭނާ ވިދާޅުވި އެވެ.

މިއީ ވޮޝިންގްޓަން ޕޯސްޓުގައި ޝާއިއުކުރި ރިޕޯޓާ ގުޅޭގޮތުން އިންޑިއާ ސަރުކާރުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ނަމަވެސް، އެ ރިޕޯޓާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިއްޔެ ވަނީ އިންޑިއާއަށް ވަޑައިގެންފަ އެވެ. ހަލީލް މިއަދު ވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާ ވެސް ބައްދަލުކުރައްވާފަ އެވެ.

މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ވަނީ ހީނަރުވި އެވެ. އެއީ އިންޑިއާ އާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ނިސްބަތްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރެއްވި މައްސަލައިގަ އެވެ. އެއާ އެކީގައި ދިވެހި ސަރުކާރުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅައި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރި އެވެ.

ނަމަވެސް ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފަ އެވެ. އެގޮތުން ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 200 މިލިއަން ޑޮލަރުގެ ލޯނެއްގެ ތެރެއިން 100 މިލިއަން ދެއްކުން އެއް އަހަރަށް ދާދިފަހުން އިންޑިއާ އިން ވަނީ ފަސްކޮށްދީފަ އެވެ.

މީގެއިތުރުން މިދިޔަ އޮކްޓޫބަރު މަހު ތެރޭ ރައީސް މުއިއްޒު ވަނީ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް