މައުލޫމާތު ލިބިފައިވާ ގޮތުގައި ހިންމަފުށީ ކައުންސިލު މެމްބަރު ވަފިއްޔާ އިބްރާހީމް ކަރަންޓުގައި ޖެހުނީ އެރަށުގައި ފެންބޮޑުވުމާ ގުޅިގެން ކައުންސިލްގެ ތަކެއްޗަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދަނިކޮށެވެ.
ވަފިއްޔާއަށް މިހާރު ފަރުވާދެމުން އަންނަނީ އޭ.ޑީ.ކޭ ހޮސްޕިޓަލުގަ އެވެ. އޭނާ މާލެ ގެނެސްފައިވަނީ ހިންމަފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އެވެ.
މުޅި ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިންމަފުށީ ކައުންސިލް އިދާރާގެ ތެރެއަށް ވެސް ފެންގަނޑު ވަދެފައި ވެ އެވެ. އަދި މުޅި ރަށުގައި ކަހަލަ ގޮތަކަށް ވަނީ ފެންބޮޑުވެފަ އެވެ.
އެގޮތުން އެރަށު ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ރަށުގެ 60 އިންސައްތައިގައި ވަނީ ފެން ބޮޑުވެފައެވެ. އަދި ބައެއް ހިސާބުތަކުން ކަރަންޓް ވަނީ ކަނޑައިގެންގޮސްފަ އެވެ.