އެންޑީއެމްއޭއިން ބުނީ މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ވެލިބަސްތާ ޖެހުމަށާއި އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެގެން 400 އަށްވުރެ ގިނަ ކޯލު އެ އޮތޯރިޓީއަށް އައިސްފައިވާ ކަމަށެވެ.
އެގޮތުން ރެޕިޑް އެސެސްމަންޓް ހެދުމަށްފަހު އެހީތެރިކަން ބޭނުންވާ 35 ގެއެއްގެ މީހުންނަށް އެހީވުމާއި އެހެން ތަންތަނަށް ބަދަލު ކުރަންޖެހޭ މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެއަށެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 163 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް ވަނީ ރެކޯޑް ކުރެވިފަ އެވެ.
އަދި މިއަދު ގަޑިއެއްހާ އިރު ތެރޭ 60 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު އެއީ ރެކޯޑު އަދަދެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެ އެވެ.
މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ގެއްލުންތައް ލިބެމުންދާތީ މާލޭ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ދަނީ ވެލިބަސްތާ ޖެހުމުގެ މަސައްކަތް އެކި ސަރަހައްދުތަކުގައި ކުރަމުންނެވެ. އަދި ސިފައިން ގެންދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މެދުނުކެނޑި ވެހެނު ބޯ ވާރޭވޭގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފަ އެވެ. ބައެއް ގޭގެއާއި ފިހާރަތަކަށް ފެން ވަދެގެން ފުލުހުންނާއި ސިފައިން ދަނީ އެ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
ވެރިރަށް މާލެ އިތުރުން މިހާރު ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރައިގައި އުދަ އެރުމުގެ ސަބަބުންނާއި ފެންބޮޑުވެގެން ޖުމްލަ ހަތް ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ ބުނެފަ އެވެ.
މޫސުން ގޯސްވެ، ބ. އަތޮޅުން ތ. އަތޮޅަށް ނެރުނު އޮރެންޖު އެލާޓު ވެސް ވަނީ މިރޭ 11:00 އިން ފެށިގެން ފަތިހު 4:00 ނިޔަލަށް ދިގުދަންމާލައިފަ އެވެ.
މެޓް އޮފީހުން ބުނީ މިރޭ ފަތިހު 4 ޖެހުމާ ހަމައަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ވަގުތުގައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާކުރާނެ ކަމަށެވެ. އަންނަ އާދިއްތަ ދުވަހު ވެސް ވާރޭވެހޭނެތީ، މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.