މާލެއަށް މިއަދު ހެނދުނުން ފެށިގެން މެދުނުކެނޑި ވެހުނު ވާރޭގައި ގަޑިއިރެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް ވާރޭވެހުނެވެ. މިއަދު ހަވީރު 5 އިން 6 އަށް އެންމެ ބޯކޮށް ވެހުނުއިރު 60 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓުން ބުނެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެއަށެވެ. އަދި އެކަމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކާއި ވިޔަފާރިކުރާ ތަންތަނަށް މުދަލަށް ވަނީ ގެއްލުން ލިބިފަ އެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަނީ ވެސްޓް ޕާކު ސަރަހައްދާއި، އައިޖީއެމްއެޗް ސަރަހައްދާއި، ސަލްމާން މިސްކިތް ސަރަހައްދާއި ބޮޑު ވަޅު ސަރަހައްދާއި މާފަންނު ފެރީ ޓާމިނަލް ސަރަހައްދުގެ އިތުރުން ކުޑަކުދިންގެ ބަގީޗާ ހުންނަ ސަރަހައްދުގައި ކަމަށެވެ.
މި ސަރަހައްދުތަކުގައި ޖުމްލަ 17 ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 17،536 ޓަނުގެ ފެން ހިންދިފައިވާ ކަމަށް ސިފައިން މައުލޫމާތުދެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނީ މާލޭގައި ފެންބޮޑުވުމާ ގުޅިގެން ވެލިބަސްތާ ޖެހުމަށާއި އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެގެން 400 އަށް ވުރެ ގިނަ ކޯލު އެ އިދާރާއަށް މިއަދު ލިބުނު ކަމަށެވެ.
އެންޑީއެމްއޭ އިން ބުނި ގޮތުގައި ރެޕިޑް އެސެސްމަންޓް ހެދުމަށް ފަހު ބޮޑަށް އެހީތެރިކަން ބޭނުންވާ 35 ގެއެއްގެ މީހުންނަށް އެހީވުމާއި އެހެން ތަންތަނަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
މިހާރު ކުރަމުން މިދާ ވިއްސާރައިގެ މައުލޫމާތު ދެމުން މެޓު އޮފީހުން ބުނީ، ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޯމައިގައި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.
މޫސުން ގޯސްވުމާ ގުޅިގެން މެޓު އޮފީހުން މެދު ރާއްޖެތެރެއަށް މިއަދު 15:00އިން 19:00އަށް ނެރުނު އޮރެންޖު އެލާޓު މިރޭ ފަތިހު 04:00އާ ހަމައަށް ވަނީ ދިގުދަންމާލާފަ އެވެ.