ކ. ގުޅީ ރައްޔިތުންނާއެކު މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއު އަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް އެއް ސަރަހައްދުން އެންމެ ބޮޑު ހައްލު އަންނާނެ އެއް މަޝްރޫރު ކަމަށާއި އެ މަސައްކަތުގެ ސްޕީޑު ތިން ގުނައަށް ބާރުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މަޝްރޫއު އަކީ އިގްތިސާދީ ގޮތުން ވެސް ފަހި ފުރުސަތުތަކެއް ލިބޭނެ މަޝްރޫއެއް ކަމަށާއި އެއީ މާލެ ސަރަހައްދަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަހަރަކީ ބޯހިޔާވަހިކަމުގެ އަހަރު ކަމަށާއި އެގޮތުން ރަށްރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައިދޭނެ ފަރާތްތައް ހޯދުމަށް މި މަސްތެރޭގައި އިއުލާންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޖުމްލަގޮތެއްގައި ހުރިހާ ދާއިރާތަކުން ތަރައްގީގެ މަޝްރޫއުތައް އަމަލީ ގޮތުން މި އަހަރުގެ ތެރޭގައި ފެށިގެންގޮސް، ރައްޔިތުންނަށް އެ ކަމުގެ ހެވާއި ލާބަ، ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި އަހަރަކީ މުއްސަނދިކަން ރައްޔިތުންނަށް އިހްސާސްކޮށްދިނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި، ބާރު ދުވެލީގައި ކުރިޔަށް ދާނެ އަހަރެކެވެ.
ސަރުކާރުން ބުނީ ހުސްވި އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ނުގެންދެވުނީ އެކަށީގެންވާ ވަރަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނެތުމުން ކަމަށެވެ.
މިދިޔަ 2024ވަނަ އަހަރަށް، މިދިޔަ މަޖިލީހުން ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގެ އިތުރަށް ޚަރަދުކުރާނެ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވެސް މި ސަރުކާރުގައި ފާސްކުރި އެވެ.