ނޭޝަނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ) އިން ބާއްވާ މި މުބާރާތަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.
"އެން.ސީ.އޭ - އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446" ގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް މިހާރު ހުޅުވާލާފައިވާއިރު މިމުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި މިނިވަން މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހާހަމައަށެވެ.
މުބާރާތުގައި ބައިވެރިކުރާ ޓެލެޑްރާމާގެ ދިގުމިނަކަށްވާންވާނީ މަދުވެގެން 45 މިނެޓެވެ. އަދި ދިގުވެގެން 50 މިނެޓެވެ. އަދި ޑްރާމާ ހުށަހަޅައިދޭންވާނީ ދިވެހި ބަހުންނެވެ. މުބާރާތުގައި ބައިވެރިކުރާ ޑްރާމާތައް ދައްކަން ފަށާނީ ރަމަޟާންމަހުގެ ތެރޭގަ އެވެ.
މި މުބާރާތުގެ ޑްރާމާތައް ދައްކަން ފަށާނީ ރޯދަ މަސްތެރޭގަ އެވެ.
އެން.ސީ.އޭއިން އާއްމުކޮށްފައިވާ އުޞޫލުގައި މި މުބާރާތުގައި ހޮވާނެ ވަނަތަކާއި އިނާމްތަކުގެ ތަފްޞީލުވެސް ވަނީ ހިމަނާފައެވެ. އެގޮތުން ޖުމްލަ 14 ވަނައެއް ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ ތެރެއިން އެންމެ މޮޅު ޑްރާމާ، އެންމެ މޮޅު އެކްޓަރ އަންހެން / ފިރިހެން، އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ އަންހެން / ފިރިހެން، އަދި އެންމެ މޮޅު ނިއު ކަމަރ އަންހެން / ފިރިހެން މި ވަނަތަކަށް ޓްރޮފީގެ އިތުރުން ބޮޑެތި ފައިސާގެ އިނާމްތަކެއްވެސް ވަނީ ހުށަހަޅާފަ އެވެ.
ފައިސާގެ އިނާމު ހުށަހަޅާފައިވާ އެވޯޑުތައް:
• އެންމެ މޮޅު ޑްރާމާ - 50،000 ރުފިޔާ
• އެންމެ މޮޅު އެކްޓަރ (އަންހެން) - 15،000 ރުފިޔާ
• އެންމެ މޮޅު އެކްޓަރ (ފިރިހެން) - 15،000 ރުފިޔާ
• އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (އަންހެން) - 10،000 ރުފިޔާ
• އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (ފިރިހެން) - 10،000 ރުފިޔާ
• އެންމެ މޮޅު ނިއު ކަމަރ (އަންހެން) - 5000 ރުފިޔާ
• އެންމެ މޮޅު ނިއު ކަމަރ (ފިރިހެން) - 5000 ރުފިޔާ