
މި މައްސަލައަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމުގައި ހުންނަވައިގެން ކ. ފުށިދިއްގަރުފަޅުގައި ހިންގި މަޝްރޫއަކާއި ގުޅިގެން ކުރީގެ ނައިބް ރައީސް ޖިހާދުގެ މައްޗަށް އުފުލި ދައުވާއާ ގުޅޭ މައްސަލައެކެވެ. ކުރިން މި މައްސަލައިގައި ކޯޓަށް ހާޒިރުވުމުގެ ޗިޓު ޖިހާދަށް ރައްދު ނުކުރެވިގެން ހައިކޯޓުން މި މައްސަލަ ބޭރުކޮށްލީ އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ބިނާކުރި އަސާސެއް ނެތުމާއި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާން ކޮށްފައި ނެތުމުން ކަމަށެވެ. ކްރިމިނަލް ކޯޓުން މި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅާފައި ވަނީ ޖިހާދުގެ ފަރާތްޕުޅުން ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން، ދައުވާއެއްގައި ހުންނަން ޖެހޭ އަސާސީ ކަންކަން ފުރިހަމަނުވާ ކަމަށް ބުނެ އެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން މި މައްސަލަ ބަލަން ފަށާނީ މިއަދު މެންދުރު ފަހުއެވެ.