މޯލްޑިވިއަންގެ ހިދުމަތަށް މުޅިން އަލަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައީ އިއްޔެއެވެ.
ދައުލަތުގެ މީޑިއާ ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވީ، ވައިޑް-ބޮޑީ މަތިންދާ ބޯޓު ރާއްޖެ ގެނެސް ދަތުރުތައް ފެށުމަށް މިހާރު މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ. ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ޝެޑިއުލް ފްލައިޓްތައް މިމަހުގެ 21 ވަނަ ދުވަހު ޗެންޑޫއަށް ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330 ބޯޓަކީ ދުރު ދަތުރުތައް ކުރުމަށް ހާއްސަކޮށް ގެނައި ބޯޓެކެވެ. މި ބޯޓުގެ ފުރަތަމަ ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ޗައިނާ އަށެވެ. އެއީ ބެއިންޖިން އާއި ޝެންހާއީ އާއި ޗެންގްޑޫ އެވެ. މޯލްޑިވިއަން ވައިޑް ބޮޑީ އޮޕަރޭޝަންތައް ފެށުމާއެކު އަހަރެއްގެ މައްޗަށް 60 ހާސް ފަސިންޖަރުން ރާއްޖެ ގެނެވޭނެކަމަށް ލަފާކުރެވޭކަމަށް މޯލްޑިވިއަންއިން ލަފާކުރެ އެވެ.
އެއާބަސް އޭ 330 ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހުގައި ދަތުރު ކުރެވޭނެ އެވެ. ދިގު ދަތުރުތައް ކުރުމުގެ ގާބިލްކަން ހުރި އެ ބޯޓުގައި ޓްރާންސިޓު ނުކޮށް، ދަތުރު ކުރެވޭނެ އެވެ. އެ ބޯޓުން 10 ޓަނުގެ ކާގޯ އުފުލޭނެ އެވެ.
މޯލްޑިވިއަން ގެ ހިދުމަތް 2،000 ވަނަ އަހަރު ފެށީ ޑޯނިއާ 228 އާއި ޑޭޝް-8 މަރުކާގެ ދެ ބޯޓާ އެކު އެވެ. އިއްޔެ މޯލްޑިވިއަން އަށް އިތުރު ކުރި އެއާބަސް އޭ330 ބޯޓާ އެކު އެ އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވާނެ އެވެ.
މޯލްޑިވިއަން އެއާލައިނުން މިހާރު ވެސް އަންނަނީ 29 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. މިދިޔަ އަހަރުގެ ތެރޭ އެ އެއާލައިނުން ވަނީ 50،000 ފްލައިޓް އޮޕަރޭޓްކޮށް، އެއް މިލިއަން ފަސިންޖަރުން އުފުލައިފަ އެވެ.