ads
ހޯނޑެއްދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
500 މިލިއަން ރުފިޔާ ދިވެހި ކޮންޓްރެކްޓަރުންނަށް ދޫކުރަން ފަށަނީ
ސަރުކާރުން ފައިސާ ދައްކަން ހުރި ދިވެހި ކުންފުނިތަކަށް މި ހަފްތާ ތެރޭގައި 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ހުވަދުއަތޮޅު ދެކުނުބުރިއަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ހޯނޑެއްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ގައުމު ދަރަނިވެރިވިޔަ ނުދީ، އެއްވެސް ވަރަކަށް ފައިސާ ޗާޕުކުރުމެއް ނެތި، ފައިސާގެ އަގު ހިފަހައްޓައިގެން ރައްޔިތުންނަށް ދޭން ހުރި ފައިސާ ދިނުމަށް ކަމަށެވެ. 

އަދި ރާއްޖެއިން ބޭރަށް ދައްކަން ހުރި ދަރަނިތައް ދައްކަމުން ތަރައްގީގެ ކަންކަން މި ގައުމަށް ގެނެސްދިނުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ހިނގާ ހަފުތާ ތެރޭގައި ވެސް ފިނޭންސް މިނިސްޓްރީން, ސަރުކާރުން ކޮށްފަ ހުރި މަސައްކަތްތަކަށް ދައްކަންޖެހޭ 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ދިވެހި އެކިއެކި ކުންފުނިތަކަށް ދޫކުރަން ފަށާފައިވާ ކަމަށެވެ.

"ލޯކަލް އެކި ދަރަނިތައް ވެސް ދައްކަމުން މިއައީ. މި ހަފްތާ، މި ހިނގާ ހަފްތާ ތެރޭގައި ވެސް ހަމަ މިގޮތުން ސަރުކާރުން ފިނޭންސް މިނިސްޓްރީން އެކި ފަރާތްތަކަށް، ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަށް 500 އަށްވުރެ ގިނަ މިލިއަން ރުފިޔާ ހަމަ ދިވެހި އެކިއެކި ކުންފުނިތަކަށް އެބަ ދޫކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފެނަކަ، އާރްޑީސީ އެމްޓީސީސީ އަދި ވެމްކޯ ފަދަ ކުންފުނިތަކުން، އަމިއްލަ ކުންފުނިތައް މެދުވެރިކޮށް މަސައްކަތްކުރުވާފަ ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކާ ހުރިކަމަށެވެ. މިހުރިހާ ފައިސާ ރޯދައިގެ ކުރިން ދައްކާ ހަލާސްކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ހިންގަނީ ގެއްލުމުގައެވެ. ފެނަކައާ އާރްޑީސީ ފަދަ ކުންފުނިތަކަކީ ދަރަނި ބޮޑު، އަދި ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް ފެންމަތިވެފައިވާ ކުންފުނިތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް