މި ރޯޑް ޝޯ ބާއްވަނީ އެމްއައި އެޑްވަޓައިޒިންގެ ފަރާތުންނެވެ.
އެ ކުންފުނިން ބުނީ މި ރޯޑް ޝޯގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ ތަފާތު މަންޒިލްތައް އިޝްތިހާރުކުރުންކަމަށެވެ.
ރޯޑްޝޯ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 23-25 އަށް ބެންކޮކްގެ ސެންޓްރަލް ވޯލްޑް ޝޯޕިން މޯލްގަ އެވެ. އެމްއައި އެޑްވަޓައިޒިން އިން ބުނީ އެ ޝޮޕިން މޯލަކީ ބެންކޮކްގެ އެންމެ މަޤްބޫލު އެއް ތަން ކަމަށާއި އެތަނަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް ބަޔަކު ޒިޔާރަތްކުރާ ތަނެއް ކަމަށެވެ.
ރޯޑްޝޯގައި މައިގަނޑު ގޮތެއްގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރާނީ ގެސްޓްހައުސްތަކެވެ.
ތައިލެންޑްގެ މީޑިއާތަކުގައި މި އިވެންޓް އިޝްތިހާރުކޮށް ގިނަ އިންވެސްޓަރުންގެ ޝައުގުވެރިކަން މިކަމަށް އުފެއްދޭނެ ގޮތްތައް ބަލައި، އިންވެސްޓަރުންނާއި ކައުންސިލްތަކާއި ސީދާ ގުޅިގެން ކުރެވޭނެ ކަންކަންވެސް މި އިވެންޓްގެ ސަބަބުން ފަހިވެގެންދާނެކަމަށް އެމްއައި އެޑްވަޓައިޒިންއިން ބުނެއެވެ.
ލޯކަލް ޓޫރިޒަމްގެ ތެރެއިން ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވަމުން އަންނަ އިރު، މިހާރު ރާއްޖޭގެ ގެސްޓްހައުސްތަކުގެ ކެޕޭސިޓީ 929 ފެސިލިޓީއަކާ އެކު 15،621 އަށް އަރަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 2 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، ނިމުނު އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އަދި އެއް މަސް ތެރޭ އެންމެ ގިނަ ފަތުރުވެރިން އައި އަހަރު ވެސްމެ އެވެ.