ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަ ކުރެވޭ، ލަންކާ ނަސްލުގެ ކުޅުންތެރިން ލަންކާގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އެ ގައުމުން ދޭން ނިންމީ އެ ގައުމުގެ ފުޓްބޯޅަ އިތުރަށް ކުރިއެރުވުމަށެވެ.
މި ވޭތިވެދިޔަ އަހަރުތަކުގައި ބޭރު ލީގުތަކަށް ކުޅޭ ލަންކާ ދަރިކޮޅުގެ ކުޅުންތެރިން އެ ގައުމުގެ ގައުމީ ޓީމަށްވަނީ ކުޅެފައެވެ.
މި ފަހަރު ލަންކާގެ ޓީމަށް ކުޅުމުގެ ފުރުސަތު ދިން ތިން ކުޅުންތެރިންނަކީ ޔޫރަޕުގައި ދިރިއުޅޭ ދެ ކުޅުންތެރިންނާއި އޮސްޓްރޭލިއާގައި ދިރިއުޅޭ ކުޅުންތެރިއެކެވެ.
ޔޫރަޕުގައި ކުޅޭ ދެ ކުޅުންތެރިންގެ ތެރެއިން އެކަކީ ހޮލެންޑްގެ ތިންވަނަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިއެކެވެ. އަނެއް ކުޅުންތެރިޔާއަކީ އިގިރޭސިވިލާތުގެ ހަވަނަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިއެކެވެ. އޮސްޓްރޭލިއާ ކުޅުންތެރިޔާއަކީވެސް ދަށް ލީގެއްގައި ކުޅޭ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިއެކެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ލަންކާއަކީ މިދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ގައުމެވެ. އެ ގައުމުން އަންނަނީ މި އަހަރު އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ދުރާލައި ތައްޔާރުވަމުންނެވެ. އެންމެ ފަހުން އޮތް ސާފް ޗެމްޕިއަންޝިޕްގައި ލަންކާ ނުކުޅެއެވެ. އެ ފަހަރު ލަންކާއަށް އެ މުބާރާތުގައި ނުކުޅެވުނީ ފީފާއިން އޭރު އެ ގައުމުގެ ފެޑެރޭޝަން ސަސްޕެންޑްކޮށްފައި އޮތުމުންނެވެ.