ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ދަރިވަރުންތަކެއް ގްރޫމްކުރި ކަމުގެ ތުހުމަތުގައި ސެންޓްރަލް ޕޮލިސްއިން ހައްޔަރުކޮށްފައި ހުރި 29 އަހަރުގެ ދިވެހި ޓީޗަރު، ޝަރުތުތަކެއް ކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާ އަލުން ހައްޔަރު ކުރީ ހައިކޯޓުގެ އަމުރަކަށެވެ. ހައިކޯޓުން އަމުރު ކުރީ އެ ޓީޗަރު، ހަތް ދުވަހަށް ބަންދުކޮށް އެ މުއްދަތުގެ ތެރޭގައި ދަށު ކޯޓުން އަލުން ގޮތެއް ނިންމުމަށެވެ.
މި ކޭސްއާ ގުޅިގެން މީޑިއާތަކަށް ފުލުހުން ކުރިން ފޮނުވި މެސެޖެއްގައި ބުނީ އެ މީހާ ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. ކުޑަކުދިންތަކެއް ހިމެނޭ މައްސަލައަކަށް ވާތީ އެ ޓީޗަރުގެ ވަނަވަރު ވެސް އަދި އެއީ ކޮން ރަށެއްގެ މީހެއްކަން ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ މާލޭން ދެކުނުގެ ރަށެއްގެ ސްކޫލްގެ ޓީޗަރެއްގެ މައްސަލައެވެ.
ގްރޫމްކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެ ޓީޗަރު ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 27، ގަ އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ ޓީޗަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ ނޮވެމްބަރު 25، ގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.