މިއީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ވެއްޓިފައިވާ އަޑިގަނޑުން އަރައިގަތުމަށް ދެވޭ އެހީއެއް ކަމަށާއި މި އެމަޖެންސީ ލޯނުން ރާއްޖޭގެ އިކޮނޮމިކް ރިކަވަރީ ޕްލޭނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޯޕެކް އިން ބުނެ އެވެ.
އޯޕެކް އިން ވަނީ މި އެހީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ކުޑަކޮށްދޭނެ ކަމަށް ބުނެފަ އެވެ.
އޯޕެކް އިން ރާއްޖެ އަށް 20 މިލިއަން ޑޮލަރުގެ އެމެޖެންސީ އެހީ ދިނުމަށް ނިންމާފައި މިވަނީ އޯޕެކްގެ އެހީތެރިކަން ހޯދުމަަށް ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އޯޕެކް އާއެކު ކުރި މަޝްވަރާތަކަށްފަހު އެވެ.
އޯޕެކް އިން ވަނީ ކޮވިޑް-19 ގެ ސަބަބުން މާލީ އެހީތެރިކަން ބޭނުންވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 130.5 މިލިއަން ޑޮލަރުގެ ލޯން ފެސިލިޓީއެއް ތައާރަފް ކޮށްފަ އެވެ.
ރާއްޖޭގެ އިތުރުން މިސްރު، ޓަންޒޭނިއާ، މާލީ އަދި ނިކަރަގުއާ އަށް ވެސް މި ފެސިލިޓީގެ ދަށުން މަލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އޯޕެކްގެ އިތުރުން ވޯލްޑް ބޭންކުން ވެސް ވަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވާ ގޮންޖެހުތަކުން އަރައި ގަތުމަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ވޯލްޑް ބޭންކުން ވަނީ ރާއްޖެ އަށް 17.3 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފަ އެވެ.
އޭގެ އިތުރުން ޔޫރަޕިންއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް 51 މިލިއަން ރުފިޔާ ގެ ހިލޭ އެހީ ދީފައި ވާއިރު، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން 50 މިލިއަން ޑޮލަރު އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 30 މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ހޯދުމުގެ މަޝްވަރާތައް ސަރުކާރުން ދަނީ ކުރަމުންނެވެ.