ދައުލަތުގެ މީޑިއާ މެދުވެރިކޮށް ކަރެކްޝަނަލް ސަރވިސްއިން މިހެން ބުނީ މާފުށި ޖަލުގައި ތިބި ބައެއް ގައިދީން ބަނޑުހައިހޫނު ހަޅުތާލެއް ފަށާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ. އެ ސަރވިސްއިން ބުނި ގޮތުގައި ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ބައެއް އުސޫލުތަކަށް ބަދަލު ގެނެވިފައި ވީނަމަވެސް، ގައިދީންނާއި ބަންދު މީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ އިނާޔަތެއް އުނި ކުރެވިފައެއް ނުވެއެވެ.
މާފުށި ޖަލުގައި ތިބި ބައެއް ބަންދު މީހުން އެ ސަރވިސްއިން ފޯރުކޮށްދޭ ކާބޯތަކެތި ބައެއް ފަހަރު ނުނަގާ ކަމަށާއި، ނަމަވެސް އެ މީހުން ވިޔަފާރި އުސޫލުން ގަނެފައިވާ ތަކެތި ބޭނުން ކުރަމުންދާ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވެއެވެ. އަދި މިހާތަނަށް އެއްވެސް ބަންދު މީހެއްގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހިފައި ނުވާ ކަމަށްވެސް އެ ސަރވިސްއިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ އެ ކަން ބަލަމުންދާ ކަމަށެވެ. އަދި ކަރެކްޝަނަލް ސަރވިސްއާއި ގައިދީންނާ ވާހަކަ ދައްކައި، ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.