ރައީސަކު ހޮވުމަށް ގާނޫންހަދާ މަޖިލީހުގައި ނެގި ވޯޓުގެ ފުރަތަމަ ބުރުން އައޫންއަށް އަގުލަބިއްޔަތު ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް، ދެވަނަ ބުރުގައި 128 މެމްބަރުންގެ ތެރެއިން 99 މެމްބަރަކު ވަނީ އޭނާއަށް ވޯޓުދީފަ އެވެ.
ލުބްނާނުގެ ކުރީގެ ރައީސް، މިޗެލް އައުންގެ ވެރިކަން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވައްޓާލި ފަހުން އެގައުމުގެ ރައީސްގެ މަގާމަށް މީހަކު އައްޔަންކޮށްފައި ނުވެ އެވެ. އެއަށް ފަހު ރައީސްކު ހޮވުވަށް ގާނޫންހަދާ މަޖިލީހުގައި މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ހިޒްބުﷲގެ ނުފޫޒާ ގުޅިގެން ރައީސަކު ހޮވޭ ގޮތް އޮތީ ނުވެފަ އެވެ.
އައޫނަށް ރައީސްކަމުގެ މަޤާމަށް އައުމަށް ފުރުސަތު ފަހިވީ ހިޒްބުاللهން ތާއީދު ކުރި ސުލައިމާން ފްރަންޖިއްޔަ އޭނާގެ ނަން އަނބުރާ ގެންގޮސް އައޫން ތާއީދު ކުރުމުންނެެވެ. ގާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓުގެ ފުރަތަމަ ބުރުން މަގާމަށް އައްޔަނު ކުރުމަަށް ބޭނުންވާ 86 ވޯޓު އައޫނަށް ލިބިވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް ހިޒްބުاللهއާއި އެ ޖަމާޢަތަށް ތާޢީދު ކުރާ ޝީޢީންގެ ޢަމަލް މޫވްމަންޓުގެ މެންބަރުންގެ ވޯޓާ އެކު ދެ ވަނަ ބުރުގައި އައޫނަށް ވަނީ 99 ވޯޓު ލިބިވަޑައިގެންފަ އެވެ.
އުމުރުން 60 އަހަރުގެ އައޫނަކީ 2017ވަނަ އަހަރުން ފެށިގެން ލުބްނާނުގެ އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާއެވެ. އޭނަގެ މޭސްތިރިކަމުގެ ދަށުން ލުބްނާނުގެ އަސްކަރިއްޔާއަށް އެމެރިކާގެ ފަރާތުން ގިނަ އެހީތަކެއް ލިބެ އެވެ. އެއީ ލުބްނާނުގެ މުޖާހިދުންގެ ޖަމާއަތް, ހިޒްބުاللهގެ ބާރު ކުޑަ ކުރުމަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތެއްގެ ދަށުންނެެވެ.
ރައީސްކަމާ ހަވާލުވެވަޑައިގެން ގާނޫންހަދާ މަޖިލީހުގައި އައޫން ވިދާޅުވީ، ލުބްނާން އަލުން އާބާދުކޮށް ތަރައްގީކުރުމަށް ސިޔާސީ ލީޑަރުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. ސަރުކާރެއް އެކުލަވާލި ނަމަވެސް، ކުރިއަށް ދާން އޮތް ގޮތް އޮޅުންފިލުވުމުގައި އިދިކޮޅު ސިޔާސީ ލީޑަރުންގެ އެހީތެރިކަމަށް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
2019ވަނަ އަަހަރު ލުބްނާނަށް ދިމާވި އިގުތިސާދީ ކާރިސާއަށް ފަހު ހަނގުރާމައިގައި ގައުމަށް ލިބުނު ގެއްލުމުން އަރައިގަނެ ގައުމު އަލުން އާރާސްތުކުރުމަށް އަދިވެސް ވަނީ ބައިނަލްއަގުވާމީ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުން ޖެހިފަ އެވެ. ލުބްނާން އަލުން އާބާދުކުރުމުގައި ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ސީރިއާގެ އެއްބާރުލުން ހޯއްދަވާނެ ކަމަށް އާ ރައީސް ވިދާޅުވި އެވެ.