މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލުކުރި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމާ ގުޅިގެންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ހައިކޯޓުން ދައުލަތުގެ ހެކިތައް އެއްފަރާތްކުރަން އެންގި އެންގުމަކީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ފުށުއަރާ ކަމެއް ކަމަށެވެ. އަދި މި ހެކިތައް ބަލައިގަތުމުގައި ދަށު ކޯޓުން ގެންގުޅުނު އިޖުރާއަތަކީ އިސްލާހުކުރެވިދާނެ ކަމެއް ކަމަށްވެސް ބުނެއެވެ.
ސުޕްރީމް ކޯޓުގައި ދައުލަތުން އެދިފައިވަނީ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށެވެ. އަދި މި ހެކިތަކާ ގުޅިގެން ދިފާއުން ހުށަހެޅުމެއް އޮތްނަމަ އެ ފުރުސަތު ދިނުމަށާއި، ދެފަރާތުން ޝަރީއަތުގައި ބަހުސްކުރުމުގެ ފުރުސަތު ދިނުމަށްފަހު، ހެކިތައް ބަލައިގަތުމާމެދު އަލުން ގޮތެއް ނިންމުމަށް ދަށު ކޯޓަށް އެންގުމަށެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ މި އިސްތިއުނާފުގެ ސަބަބުން މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ނިންމި ނިންމުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އިސްތިއުނާފު ކޮށްފައިވަނީ ހަމައެކަނި ހެކިތަކާ ގުޅޭ ބައި އެކަނި ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.