ads
ތައުލީމީ ދާއިރާގައި މިހާރު ހިދުމަތް ކުރައްވަމުން ގެންދަވާ، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަހްމަދު ފަޔާޒް ހަސަން - ފޮޓޯ: ރައީސް އޮފީސް
ރައްޔިތުން މިއަދު ބުނަނީ ދައުލަތް ހިންގުމުގެ އޮނިގަނޑު ބަދަލުކުރަން ވެއްޖެ ކަމަށް: ފަޔާޒް
މީގެ 16 އަހަރު ކުރިން ގައުމުގެ ހިންގުމުގެ އޮނިގަނޑަށް ދިވެހިން ގެނެސްފައިވާ ބަދަލުތަކަކީ ސަރުކާރާއި ދައުލަތް ހިންގުމުގެ ކަންކަން ކުރަމުން އައިގޮތް ގޯސް ވެގެން ގާނޫނު އަސާސީ ބަދަލުކޮށް ދައުލަތް ހިންގުން ހަރުދަނާ ކުރުމަށް ގެނެވުނު އިސްލާހުތަކެއް ކަމަށާއި ނަމަވެސް އާ އޮނިގަނޑުން އުފެދުނު މުއައްސަސާތަކުން ރައްޔިތުން ބޭނުންވި ބާއްޖަވެރިކަން، ރައްކާތެރިކަމާ ހިމާޔަތް، އަމާންކަމާއި ސުލްހަ ދިވެހިން ނަށް ނުލިބުމުން މިހާރު ރައްޔިތުން ބޭނުން ވަނީ އަނެއްކާވެސް ދައުލަތާއި ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ކަމަށް ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ އަހްމަދު ފަޔާޒް ހަސަން ވިދާޅުވެއްޖެ އެވެ.
Advertisement

ފަޔާޒު މިހެން ވިދާޅުވީ ސީއެންއެމް އިން ގެނެސްދޭ "ނޭޝަން ޓޯކް" ޕޮޓްކާސްޓް ގައި ވާހަކަ ދައްކަވަމުންނެވެ. 

"ސީއެންއެމް" އިން އަންނަނީ ދައުލަތް ނުވަތަ ސަރުކާރު ހިންގުމަށް މިހާރުއޮތް އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ހޯދުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުން ނެވެ.

"ނޭޝަން ޓޯކް"ގެ 12 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަޔާޒު ވިދާޅުވީ ގާނޫނު އަސާސީ އަކީ ގައުމެއް އެ މައްޗަށް އާރަސްތު ވެފަ އޮންނަ އަސާސެއް ކަމަށާއި ދިވެހިރާއްޖޭގެ މިއަދު އަމަލުކުރާ ގާނޫނު އަސާސީ އަކީ ވަރަށް ތަފުސީލްކޮށް ވަރަށް ސާފުކޮށް އޮތް ގާނޫނު އަސާސީއެއް ކަމަށެވެ.

ފަޔާޒު ވިދާޅުވީ 16 އަހަރު ކުރިން ފާސްކުރި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަށް ބަލާލާއިރު ގައުމެއް ސިޔާސީ ގޮތުން ހިންގުމަށްޓަކައި، ގައުމެއް އިގްތިސާދީ ގޮތުން ހިންގުމަށްޓަކައި، ގައުމެއް އިޖްތިމާއީ ގޮތުން ހިންގުމަށްޓަކައި ބޭނުންވާ ހުރިހާ ކަމެއް ހިމަނައިގެން ތައްޔާރު ކުރި ގާނޫނު އަސާސީއެއް ކަމަށާއި މި ގާނޫނު އަސާސީ އަށް ބަލާލާއިރު ދުނިޔޭގަ ފަސް ލައްކައަށް ވުރެވެސް މަދުން މީހުން ދިރިއުޅޭ ކުޑަ ކުޑަ ގައުމެއްގައި މިހާރު ރާއްޖޭގައި އޮތް ގާނޫނު އަސާސީން ބަޔާން ކުރާ މިންވަރަށް ދައުލަތުގެ މުއައްސަސާތައް ހުރި އެއްވެސް ގައުމެއް ނޯންނާނެ ކަމަށެވެ.

"ދިވެހިރާއްޖެ ވަރުގެ ކުޑަ ގައުމެއް، އަޅުގަނޑުމެންގެ މިނިވަން އޮޑިޓަރ ޖެނެރަލް އެއް އެބަހުރި، އަޅުގަނޑުމެންގެ މިނިވަން ސެންޓްރަލް ބޭންކެއް އެބަހުރި އަޅުގަނޑުމެންގެ މިނިވަން އިލެކްޝަން ކޮމިޝަން އެއް އެބަހުރި، މިހެން ގޮސް ކިޔާނެ ކަމެއް ނެތް އެތަށް ބައިވަރު ކޮމިޝަންތައް އެތައް ބައިވަރު މުއައްސަސާ އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި، ދެން މިހާ ގިނަ މުއައްސަސާތައް ހަދާފަ މިހާ ގިނަ އަދަދަކަށް މީހުން ލީމަ، އެ ހަރަދަކީ ވެސް ވަރަށް ބޮޑު ހަރަދެއް، އެކަމު މި ބޮޑު ހަރަދު ކޮށްގެން ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ ރައްޔިތުން އެދޭ، ރައްޔިތުން ބޭނުންވާ އަމާންކަމާ ރައްކާތެރިކަމާ ބާއްޖަވެރިކަން އެމީހުންނަށް ހޯދައިދިނުން. ނަމަވެސް ފާއިތުވި 16 އަހަރު ކަންތައްތައް ހިނގާދިޔަ ގޮތަށް ބަލާއިރު މިހާ ބޮޑު އިންގިލާބީ ބަދަލެއް އަޅުގަނޑުމެންގެ ގައުމުގެ ސިޔާސީ އޮނިގަނޑަށް އަޅުގަނޑުމެން މި ގެނައީ އޭރުގަ އަޅުގަނޑުމެންގެ ގައުމުގައި ހުރި ކަންތައްތަށް ގޯސް ވެގެން އިސްލާހުކޮށް ރަނގަޅު ކުރުމަށްޓަކައި، ކޮންމެ އަކަސް އެ އިސްލާހް ކޮށް ރަނގަޅު ކުރުމަށްޓަކާ އަޅުގަނޑުމެން ގެނާ އާ ގާނޫނު އަސާސީ އާ، އާ އޮނިގަނޑާ އެ އޮނިގަނޑުގެ ތެރެއިން އުފެއްދި އެތަށް މުއައްސަސާ އަކާއި މިހުރިހާ ކަމެއްގެ ތެރެއިން އަޅުގަނޑުމެން ބޭނުންވި ރައްކާތެރިކަމާ ހިމާޔަތެއް، އަމާންކަމާ ސުލްހަ މަސަލަސް ކަމެއް، އަޅުގަނޑުމެން ބޭނުންވި ބާއްޖަވެރިކަމެއް އަޅުގަނޑުމެންނަށް ނުލިބޭ ކަމަށް ރައްޔިތުން އަބަދުމެ މިކިޔަނީ" އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް ފަޔާޒު ވިދާޅުވި އެވެ. 

ފަޔާޒު ވިދާޅުވީ އެންމެންގެ ދުލުން މި އަންނަނީ ގައުމުގެ ކަންތައްތައް ހަމަ މަގުން ކައްސާލައި ވާހަކައާއި ގައުމުގެ ކަންތައްތައް މުޅިން ބޮންސުން ލައިގެން ގޮސް ގައުމުމުގެ ހުރިހާ ކަމެއް "ގޯސް" ވާ ވާހަކަ ކަމަށެވެ. އަދި ވަކިން އިދިކޮޅުގައި ތިބެގެން އެއިރަކު އޮންނަ ސަރުކާރުގެ ވެރިންނަށް އަމާޒުކޮށް ދައްކާލެއް އިތުރު ކަމަށާއި ވެރިކަން ލިބުމުން މިފަދަ ވާހަކަތައް ދެއްކުން ހުއްޓާލާ ކަމަށެވެ. 

ފަޔާޒު ވިދާޅުވީ ގާނޫނު އަސާސީގެ މާއްދާ ހަތަރެއްގައި ބުނާ ހުރިހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނޭ ބުނާ ބުނުމުގެ މާނައަކީ ދިވެހި ކޮންމެ ރައްޔިތެއްގެ އަތުގައި ހުރިހާ ބާރެއް އޮންނަ ވާހަކައެއް ނޫންކަމަށާއި އޭގެ އެ ބުނަނީ އަޅުގަނޑުމެނަށް ބޭނުންވާ ކަންކަން ހަމަޖައްސަށް ރައްޔިތުންގެ ވޯޓުން މީހުންނާއި މަތިކުރާ ވާހަކަ ކަމަށެވެ. އެގޮތުން ރައީސުލްޖުމުހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް މެންބަރުން ވެސް ވޯޓުން ހޮވާ ކަމަށެވެ. ނަމަވެސް މި ދެ ގުނަވަނުން ތެދުވެރި ވަނީ ރައްޔިތުންނަށް ނޫން ކަމަށާއި މި މީހުން އަމާނަތްތެރި ވަނީވެސް ރައްޔިތުންނަށް ނޫން ކަމަށެވެ.  

"މި މީހުން މިދިޔަ 16 އަހަރަށް ބަލާއިރުވެސް މަސައްކަތް ކޮށްފައިވަނީ ރައްޔިތުންގެ ހެވާ ލާބަ އަކަށް ނޫން، މިހާރު މިސާލަކަށް ފާއިތުވި 16 އަހަރު އަޅުގަނޑުމެން ބޭރުން ދަރަޏަށް ފައިސާ ނަގާފަ މިއޮތީ ފާއިތުވި 100 އަހަރު އަޅުގަނޑުމެން ނުނަގާ ވަރަށް. ގައުމެއްގެ ސިޔާސީ މިނިވަންކަމާ އިސްތިގްލާލަށް އެންމެ ބޮޑަށް ބުރޫ އަރާ ކަމަކީ ބޭރުން ބަޔަކު އައިސް މި ގައުމު ހިފުމެއް ނޫން، ބޭރުން ބަޔަކު އަރާ ހިފުމަށް ވުރެ މިނިވަންކަމާ އިސްތިގުލާލަށް މާ ނުރައްކާ އެގައުމެއް ދަރަނި ވެރި ވެއްޖެއްޔާ. މިހާރު މިދަރަނިން މިންޖުވާން ވެސް އަޅުގަނޑުމެން މިޖެހެނީ އަނެއްކާވެސް ދަރަނި ނަގަން." ފަޔާޒު ވިދާޅުވި އެވެ.

ފަޔާޒު ވިދާޅުވީ ވެރިކަމުގެ ފަރާތުން އަދުލުވެރި ވެރިކަމެއް ގާއިމްކުރުމަށް އެންމެނަށް އެއް އުސޫލަކުން އެއްހަމަ އަކުން އަދުލުވެރިވާން ޖެހޭ ކަމަށާއި މި ހާލަތު ސަރުކާރާއި ދައުލަތް ހިންގަން ތިބޭ މީހުންގެ ފުށުން ނުފެންނަނީ ގަވަރނާންސް ބޮޑު ތަނުން ދަށަން ދިޔުމުން ކަމަށެވެ. ފަޔާޒު ވިދާޅުވީ ރައްޔިތުން އަތުގައި ހުރިހާ ބާރެއް ބާއްވަން އެދޭ ކަމަށް ވާނަމަ ގާނޫނު ތަކަށް މިހާރު ބަދަލު ގެންނަށް ޖެހޭކަމަށެވެ. އެގޮތުން ދުނިޔޭގެ ބައެއް ގައުމުތަކުގައި ގާނޫނުތައް ހުރީ ރައްޔިތުން މަޖިލިސް ހޮވޭ މީހާ ގައުމީ މަސްލަހަތަށާއި ދާއިރާގެ މަސްލަހަތައް އިސްކަން ނުދީ އުޅޭނަމަ ވަކިކުރެވޭ ގޮތަށެވެ. އެގޮތުން ރައްޔިތުން އެކަމުގައި އިސްނަގައިގެން ޕެޓިޝަންއެއް ހަދައިގެން ނޫނީ ވަކި ވަރަކަށް ސޮއި ހުށަހެޅީމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ ފަދަ އުސޫލްތައް އަދި ގާނޫނުތައް ދުނިޔޭގެ ބައިވަރު ގައުމުތަކުގައި އެބަހުރި ކަމަށެވެ.

"ރައްޔިތުންގެ ބާރު ވެރިކަން ރައްޔިތުންގެ އަތުގައި ބޭއްވޭނީ މިހާރު ހުރި ގާނޫންތައް ބަދަލު ގެނެސްގެން" މިފަދަ ބަދަލުތައް ގާނޫނު ތަކަށް ގެނެވޭނީ ސިޔާސީ މަސައްކަތްތެރިން ވެސް "އެދިގެން" ކަން ފާހަގަކުރައްވާ ފަޔާޒު ވިދާޅުވި އެވެ.

ގައުމެއްގެ ތައުލީމީ މީހުން ކަމެއްގައި ފަހަތަށް ޖެހިއްޖެނަމަ އެގައުމެއްގެ ކަންތައްތައް ދާނީ ވަރަށް ބޮޑަށް ގޯހުން ގޯހަށްކަން ފާހަގަކުރައްވާ ފަޔާޒު ވިދާޅުވީ އާ އޮނިގަނޑެއްގައި އިންތިހާބީ މީހާ ރައްޔިތުންގެ ގައުމީ މަސްލަހަތު ކުރިޔަށް ނެރެގެން މަސައްކަތް ނުކުރެވެއްޔާ އެމީހުން ދުރުކުރެވޭނެ ނިޒާމެއް ގާނޫނުގައި އޮންނަން ޖެހޭ ކަމަށާއި އަދި މަޖިލިސް މެންބަރުންނަކީ އަމިއްލަ އަށް މުސާރަ ކަނޑައަޅާ ބަޔަކަށް އޮންނަ އޮތުން ވެސް ބަދަލުވާން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ތައުލީމީ މީހުން ސިޔާސި ކަންކަމުގައި ނޫޅެނިއްޔޭ އަދި ސިޔާސީންގެ ތެރޭގައި އިހުލާސްތެރިން ނެތިއްޔޭ މިހެން ކިޔަކިޔާ ތިބެވޭކަށް ނެތް ކަމަށާއި ހާލަތު ބަދަލުކުރެވޭނީ ދައުލަތާއި ސަރުކާރު ހިންގުމުގެ އޮނިގަނޑު ބަދަލުތަކެއް ގެނެވިގެން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް