ads
ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން
ނޯމަލައިޒޭޝަން ކޮމިޓީން ނޯމަލައިޒް ކުރޭތަ؟
ނޯމަލައިޒޭޝަން ކޮމިޓީއަށް ހަތަރު މަސްދުވަސް ހަމަވީއިރު ނޯމަލައިޒްކުރަން އުޅޭތަނެއް ނުފެނެއެވެ. އަހަރު ނިމިގެން ދިޔައީއެވެ. މިއަހަރުގެ ޖުލައި މަހު އިންތިހާބު ބާއްވަން ޖެހޭއިރު، ފީފާއިން އެދުނު 'ރޯޑްމެޕް" އެއް، އަދި "ސްރެޓީޖިކް ޕްލޭން" އެއް ދެއްކިފައެއް ނުވެ އެވެ.
Advertisement

ހަތަރުމަސްދުވަސް ތެރޭ ވީވަރަކީ، އަތޮޅު މުބާރާތް ނުހިމަނާ، އުންސުރު ހަމަނުވާ ފުޓުބޯޅަ ކަލަންޑައް ނެރުމެވެ. މިކަންވެސް ކޮށްފައިވަނީ ސިއްރިއްޔާތުގައެވެ. އިންތިހާބެއްގެ ވާހަކަ އަމުދުން ނުދައްކައެވެ!

ނޯމަލައިޒޭޝަން ކޮމިޓީއަކީ ސްޕޯޓްސް މިނިސްޓަރު، އޮނަރަބަލް އަބްދުﷲ ރާފިއު ގެ ގެރެންޓީއެއްގެދަށުން ފީފާއިން އައްޔަންކުރި ކޮމިޓީއެކެވެ. ފަސް މެމްބަރުންގެ ކޮމިޓީގެ ޗެއަރޕާސަންގެ މަހު މުސާރައަކީ 6،000 ޔޫއެސް ޑޮލަރެވެ. ކޮންމެ މެމްބަރަކަށް މަހަކަށް 4،000 ޔޫއެސް ޑޮލަރު ދެއެވެ. ރާއްޖޭގެ ފުޓުބޯޅަ ހަމައަކަށް އަޅުވަން ފީފާއިން 12 މަސްދުވަހަށް 312،000 ޔޫއެސްޑޮލަރު ދޭން ނިންމާ، އޭގެ ތިންބައިކުޅަ އެއްބައި މިހާރު އެވަނީ ހަރަދުކުރެވިފަ އެވެ.

އެހެންނަމަވެސް އެފްއޭއެމް ނޯމަލައިޒްކުރުމަށްޓަކާ އޮއްޓަރުހުރި ކަމެއް ކުރެވިފައެއް ނުވެއެވެ. ފީފާ އިން ކޮމިޓީއަށް ދީފައިވަނީ 12 މަސްދުވަސް ކަމަށް ވީނަމަވެސް، މިހާރު އެ ކޮމިޓީން އެދެނީ 16 މަސްދުވަހަށެވެ. އިތުރު 6 މަސްދުވަސް ބޭނުންވާނެކަމަށެވެ!  

ނޯމަލައިޒްކުރުމުގެ 17 އަހަރުގެ ތާރީޙް

2008 - ފުރަތަމަ ނޯމަލައިޒްކުރީ، އަޙްމަދު ޝާހިރު ގެ ޗެއަރޕާސަން ކަމުގެ ދަށުން އުފެއްދި ކޮމިޓީއިންނެވެ. އެ ކޮމިޓީން، ފީފާ ގެ އިރުޝާދުގެދަށުން  އަސާސީ ގަވާއިދެއްއެކުލަވާލާ، އިންތިހާބެއް ބޭއްވިއެވެ. އެއީ އެއަހަރުގެ ޖުލައި މަހުއެވެ. އެހެންނަމަވެސް ފުރަތަމަ އިންތިހާބީ ޓާމަށްފަހު، އިންތިހާބު ނުބޭއްވި އެފްއޭއެމް އޮތީ ގަޑުބަޑުވެފައެވެ. އިންތިހާބީ މުޅި ދެވަނަ ޓާމް (2012-2016) ގެއްލުނީ މިގަޑުބަޑުގެ ތެރޭ، ނޯމަލައިޒޭޝަން ކޮމިޓީގެ ދަށުގައެވެ.

2016 – ދެވަނަ ފަހަރަށް ނޯމަލައިޒް ކުރަން ޖެހުނީ މުހަންމަދު ޝަވީދުގެ ޗެއަރޕާސަން ކަމުގެ ދަށުގަ އެވެ. އެކޮމިޓީގެ ދަށުން އަސާސީ ގަވާއިދު 6 މޭ 2016 ގައި އިސްލާހްކުރުމަށްފަހު، އިންތިހާބެއް ބޭއްވީ އެއަހަރުގެ ޖުލައި މަހުއެވެ. ޝަވީދުގެ ނޯމަލައިޒޭޝަން ކޮމިޓީ 16 މަސްދުވަހަށް ދެމިއޮތެވެ.

2024 – ތިންވަނަ ފަހަރަށް ނޯމަލައިޒް ކުރަން ހަވާލުކޮށްފައި މިއޮތީ އަހްމަދު ޒުހޫރުގެ ޗެއަރޕާސަން ކަމުގެ ދަށުގައި ފީފާ އިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީއަކާއެވެ. ޝަވީދު ގެ ކޮމިޓީން ނޯމަލައިޒްކުރި އެފްއޭއެމް، ޖެހިގެން އައި ދެޓާމްގެ ތެރޭ 200 މިލއަންއަށްވުރެ މަތީއަދަދަކަށް ދަރަނި އުފައްދާ އެތައް ވައްކަމެއް ކުރިއެވެ. އަދި މި ދެޓާމްގައިވެސް އެފްއޭއެމް ހިންގާފައިވަނީ އަސާސީ ގަވާއިދާ ޙިލާފަށެވެ. އަތޮޅު ކްލަބްތައް އެކަހެރި ކޮށެވެ. ޒުހޫރު ގެ ޗެއަރފާސަންކަމުގެ ދަށުން މި ތިންވަނަ ކޮމިޓީން އަނެއްކާވެސް އިއުލާނު ކުރި ކަލަންޑަރުގައި ރާއްޖެތެރޭގެ ކްލަބްތައް އެވަނީ އެކަހެރި ކޮށްފައެވެ.

އަސާސީ ގަވާއިދާ ޙިލާފަށް އެފްއޭއެމް ހިންގުން

ނޯމަލައިޒޭޝަން ތާރީޙްގެ 17 ވަނަ އަހަރަށް އެޅިއިރު ކުރެވުނު ތަޖްރިބާއިން މުހިންމު ދެ ކަމެއް ފާހަގަކުރެވެއެވެ. ފުރަތަމަކަމަކީ، ބައިނަލްއަގުވާމީ ޑިމޮކްރެޓިކް ނިޒާމެއްގެތެރޭ ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވުމުގެ ގާބިލްކަން ދިވެހި ފުޓުބޯޅަލީޑަރުންގެ ނެތްކަމެވެ. ދެވަނަކަމަކަށް ފާހަގަ ކުރެވުނީ ގާނޫނަށް ތަބާވުމުގެ ސިފަ ނެތްކަމެވެ. ކަރަޕްޝަނެއް ނުހުއްޓުވުނެވެ. އަދި އެސޯސިއޭޝަން ހިންގީ އަސާސީ ގަވާއިދަށް ބަލައިވެސް ނުލައެވެ.

އެފްއޭއެމް އެކުލެވިގެންވަނީ 9 ޒޯންގެ މައްޗަށެވެ. އަދި އެއްވަނަ ޑިވިޒަން ކްލަބަތަކަކީ ޒޯން ޗެމްޕިޔަނުންނެވެ. އެއްވަނަ ޑިވިޒަންގެ ކްލަބްތަކަކީ މާލޭގެ ކަންމަތިތަކަށް ހަނިވެ، ވާދަވެރިކަން ގެއްލިފައިވާ، ކަރުދާސް ކްލަބްތަކެއް ނޫނެވެ. މި ހަގީގަތް ގަބޫލު ނުކުރެވޭ ނޯމަލައިޒޭޝަން ކޮމިޓީއަކަށް އެފްއޭއެމް ނޯމަލަޒް ކުރެވޭނެކަމަށް ނުފެނެއެވެ.

ނޯމަލައިޒޭޝަންކޮމިޓީގެ އަމަލުތައް!

ނޯމަލައިޒޭޝަން ކޮމިޓީން ދިވެހިލީގް ފެށުމާބެހޭގޮތުން ވާހަކަ ދެއްކީ ހަމައެކަނި މާލޭގެ ކްލަބަތަކަކާއެވެ. މާލޭ ކްލަބަތަކުން ބުނީ ޓީމެއް އެކުލަވާލެވޭނީ ފައިސާ ލިބިގެން ކަމަށެވެ. އެހެން ނަމަވެސް، މެމްބަރު ކްލަބަތަކައް ފައިސާ ދިނުމަކީ އެސޯސިއޭޝަންގެ ޒިންމާއެއް ނޫނަކަމަށް ފީފާ އާއި ހަވާލާދީ ޗެއަރޕާޗަން މީޑިއާއާއި ހިސްކުރެއްވިއެވެ. އިންތިހާބު ބާއްވާ ކަށް ނޫޅެ އެވެ. އަސާސީ ގަވާއިދާއެއްގޮތަށް އެފްއޭއެމްގެ އިންތިހާބެއް ބޭއްވުމަކީ ފުޓުބޯޅައަށް ފަހި އިންގިލާބީ ބަދަލެއް ގެނެސްދޭނެ ކަމެއްކަން ނޯމަލައިޒޭޝަން ކޮމިޓީއަށް ފަހުމް ކުރެވޭ ކަމަކަށް ނުފެނެއެވެ.

އެންމެފަހުން ނޯމަލައިޒޭޝަން ކޮމިޓީން ކުރި ކަމަކީ، ހަމަ ކުރިއެކޭވެސް އެއްގޮތަށް، އަސާސީ ގަވާއިދަށް ބަލާވެސް ނުލާ،  އުންސުރު ހަމަނުވާ ފުޓުބޯޅަ ކަލަންޑަރެއް އިއުލާނު ކުރުމެވެ.

އުންސުރު ހަމަ ނުވާ ފުޓުބޯޅަ ކަލަންޑަރެއް

ގައުމީ ފުޓުބޯޅަ ކަލަންޑަރަކީ އުންސުރު ހަމަވާ ކަލަންޑަރެކެވެ. މިހެން މިދެންނެވީ ކަލަންޑަރުގައި ހިމަނާފައިވަނީ، ހަމައެކަނި، މާލޭގައި ކުޅޭ މުބާރާތްތަކަކަށް ވާތީއެވެ. އަނެއްކާވެސް ދިވެހި ލީގް ރާވާފައިވަނީ އަސާސީ ގަވާއިދާ ޙިލާފަށް ކަމަށް ވާތީ އެވެ. އަދި ރީޖަނަލް އެސޯސިއޭޝަން ތައް މެދުވެރިކޮށް، ބާއްވަން ޖެހޭ އަތޮޅުތަކަށް މުބާރާތްތައް ނުބާއްވާތީ އެވެ.

އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާގެ 1 ގެ "އޭ" ގައި ރާއްޖޭގެ އެއްވަނަ ޑިވިޒަންގައި އޮންނަންވާނީ 8 ކްލަބް ކަމަށް ކަނޑައަޅާފައި އޮތްނަމަވެސް މިއަހަރު ދިވެހި ލީގްގައި 10 ކްލަބް ބައިވެރިކުރެއެވެ. މިއީ، އަސާސީ ގަވާއިދާ ޙިލާފަށް ނޯމަލައިޒްކޮމިޓީން އަޅާ ކަތި ފިޔަވަޅެކެވެ. ފުޓުބޯޅަ ގާނޫނާ ޙިލާފަށް ކުރާ ކަމެކެވެ. މިއީ އަސާސީ ގަވާއިދުގެ 73 ވަނަ މާއްދާގެ 1 ގެ "އޭ" ގައި އެބުނާ ދިވެހި ލީގެއް ނޫނެވެ. ދިވެހި ލީގް ކުޅެންވީގޮތް އޮތީ 10 އާއި 18 ވަނަ މާއްދާގައި ބަޔާންކޮށްފައެވެ. އެއީ، އެއްވަނަ ޑިވިޒަންއަށް ކޮލިފައިވާނީ ރީޖަނަލް (ޒޯން) ޗެމްޕިޔަނުންކަމަށެވެ.

އަސާސީ ގަވާއިދުގެ 73 ވަނަ މާއްދާގެ "ޑީ" ގައި ބުނަނީ "އެޓޯލް ޓޫނަމަންޓްސް" ބާއްވަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ކަލަންޑަރުގައި މިފަދަ މުބާރާތެއް ތާވަލް ކޮށްފައެއް ނުވެއެވެ. އެސޯސިއޭޝަންގެ މެމްބަރަޝިޕް ހުޅުވާލާފައިވަނީ 9 ރީޖަނަލް އެސޯސިއޭޝަން ހިމެނޭގޮތަށް މުޅި ރާއްޖެއަށެވެ. މިކަން ކަށަވަރު ކޮށްދީފައި އެވަނީ 10 އާއި 18 ވަނަ މާއްދާ އިންނެވެ. ދިވެހި ލީގަކީ މާލޭގެ ކްލަބަތަކަށް ހަނިކުރެވިފައި އޮންނަ ލީގެއް ނޫނެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދުން މެމްބަރުކްލަބަތަކަށް ހުޅުވާލާ މުބާރާތްތަކަކީ ހުރިހާ ރީޖަނަލް އެސޯސިއޭޝަންތައް ޝާމިލްވާގޮތަށް ފޯމެޓްކުރަންޖެހޭ މުބާރާތްތަކަށް ވާންޖެހެ އެވެ.

އިންތިހާބު ބާއްވާކަށް ނޫޅެ

ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލަނީ އިންތިހާބު ބާއްވާށެވެ. އެހެންނަމަވެސް މިކަމާ އުޅޭތަނެއް ނުފެނެއެވެ. އަސާސީ ގަވާއިދާ އެއްގޮތަށް އިންތިހާބު ބާއްވައިފިނަމަ، އެފްއޭއެމް އޮންނާނީ ކުރީން އޮތްގޮތަކަށް ނޫނެވެ. އެފްއޭއެމް އޮންނާނީ މުޅިން އާގޮތަކަށެވެ. މުޅި ރާއްޖެ ބައިވެރި ކުރާ ޖަމާއަތެއް ގޮތުގަ އެވެ. އެފްއޭއެމް އުފެދިފައި އޮންނާނީ 9 ރީޖަނަލް އެސޯސިއޭޝަންގެ މައްޗަށެވެ.

18 ވަނަ މާއްދާގެ ދަށުން އުފައްދާ ރީޖަނަލް އެސޯސިއޭޝަން އޮންނާނީ، އަތޮޅު އެސޯސިއޭޝަން ތައް އެކުލެވިގެންވާ ސަރަހައްދީ ލީގެއްގެ ސިފައިގައެވެ. މިސާލަކަށް ޒޯން 3 ނަންގަވާށެވެ. މިޒޯންގައި ހިމެނެނީ ރ، ބ، ޅ އަތޮޅެވެ. އަތޮޅު އެސޯސިއޭޝަން ތަކުން ހިންގާ އަތޮޅު މުބާރާތުން ހޮވޭ އެންމެ މޮޅު ދެ ކްލަބް، ޒޯން 3 ގެ ރީޖަނަލް ލީގަށް ކޮލިފައިކުރުމުން، ރީޖަނަލް ލީގްގައި 6 ކްލަބް ހޯމް އެންޑް އަވޭ 30 މެޗް ވެސް ކުޅެވިދާނެއެވެ. ދިވެހި ލީގަށް ކޮލިފައިވަނީ ރީޖަނަލް ޗެމްޕިޔަނެވެ. އެއީ އަތޮޅެއްގެ ކްލަބެކެވެ.

ރީޖަނަލް އެސޯސިއޭޝަނަކުން މުބާރާތްކުޅޭގޮތް، އެފްއޭއެމްގެ ހުއްދައިގެ ދަށުން ކަނޑައެޅިވެސް ދާނެއެވެ. މިއީ "ފެޑަރަލް" ނިޒާމެއް ނޫނެވެ. މިއީ "ޔުނިޓަރީ" ނިޒާމެއްގެދަށުން ލާމަރުކޮށްފައިވާ ގޮތެވެ. ރީޖަނަލް އެސޯސިއޭޝަން ތަކަކީ އެފްއޭއެމްއަށް "ސަބޯޑިނޭޓް" އެސޯސިއޭޝަންތަކެކެވެ. ރީޖަނަލް އެސޯސިއޭޝަންތައް ރަގިސްޓްރީ ކުރަން ޖެހޭނީ އެފްއޭއެމް ގައެވެ.

އެފްއޭއެމްގެ އާ އިންތިހާބަކީ ފުޓުބޯޅައަށް އިންގިލާބީ ބަދަލެއް ގެނެސްދޭންޖެހޭނެ އިންތިހާބަކަށް ވާއިރު، ނޯމަލައިޒޭޝަން ކޮމިޓީން އިންތިހާބަކަށް ތައްޔާރުވުމުގެ އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. އަސާސީ ގަވާއިދާ އެއްގޮތަށް އިންތިހާބެއް ބާއްވާނަމަ، މިހާރު އެމަސައްކަތް އޮންނާނީ ފަށާފައެވެ. ޖުލައި މަހު އިންތިހާބު ބާއްވަން ޖެހޭއިރު، ދެން އޮތީ 7 މަސްދުވަހެވެ.

މި ހަތްމަސްދުވަސްތެރޭ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކޮށް، އަތޮޅު ކްލަބްތަކާ ބައްދަލުކޮށް، އަސާސީ ގަވާއިދު ތައާރަފްކޮށްދޭން ޖެހެއެވެ. އަދި އަސާސީ ގަވާއިދުގެ ދަށުން ހިންގާ މުބާރާތްތަކުގައި އަތޮޅު ކްލަބްތަކަށް ލިބެންހުރި ފުރުސޮތުތައް ތަފްސީލްކޮށް އޮޅުންފިލުވާދޭންޖެހެއެވެ. މިމަސައްކަތް ނުކޮށް ނޯމަލައިޒޭޝަން ކޮމިޓީން ކުރާނެ އެހެން މަސައްކަތެއް ނޯންނާނެއެވެ.  

ނޯމަލައިޒޭޝަން ކޮމިޓީން މިހާތަނަށް ދައްކާފައި ހުރި ވާހަކަތަކުން އެނގެނީ ނޯމަލައިޒޭޝަން ކޮމިޓީން އުޅެނީ ނޯމަލައިޒްކުރާކަށް ނޫންކަމެވެ. އިންތިހާބެއް ބާއްވާކަށްވެސް ނޫޅޭކަމެވެ.

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. 

ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް