މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.
ރައީސްގެ ދަތުރުފުޅުގައި އެސްޓޯނިއާގެ ސިޓީއެއް ކަމަށްވާ ޓާޓޫއަށް ވެސް ވަޑައިގަންނަވާނެ އެވެ. އެއީ ޓެކްނޮލޮޖީއާ ގުޅުން ހުރި ދާއިރާތަކުން ކުރިއަރާފައިވާ ސިޓީއެކެވެ. ޓާޓޫއަށް ވަޑައިގެން، އެ ސިޓީގެ ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވަން ވެސް ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ އެސްޓޯނިއާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ހޯމްލޭންޑް ޓެކްނޮލަޖީ މިނިސްޓަރު އަލީ އިހުސާން އާއި ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ހުރިހާ ބައްދަލުވުންތަކުގައި ވެސް މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ އައު އިޖާދުތަކާއި، ޓެކްނޮލޮޖީގެ ގޮތުން އެސްޓޯނިއާއިން ހޯދައިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.