ދެ މައްސަލައެއްގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ، 2021 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެއީ، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި ދަށު ކޯޓުން އިއްވި ހުކުމް ހައުކޯޓުން ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން އެންގިއެވެ. އެ މައްސަލަ އަލުން ބަލާއިރު، ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން އޭރު އޮތީ ކަނޑައަޅައިފަ އެވެ.
އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ބުނެ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި ސުޕްރީމް ކޯޓުގައި ބަލާނީ، ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. މި މައްސަލަ ތާވަލުކޮށްފައި އޮތީ ޖަނަވަރީ 20 ވާ ހޯމަ ދުވަހު ހެނދުނު 9:30 އަށެވެ.
ސުޕްރީމް ކޯޓުގައި ޔާމީންގެ މައްސަލަ އަންނަ ހަފްތާއަށް ތާވަލުކޮށްފައިވާއިރު، އެ މައްސަލަ ރިވިއުކޮށްދޭން ޔާމީންގެ ފަރާތްޕުޅުން ޕީޖީގައި އެދިފައިވެއެވެ.