ads
އާއްމުކޮށް ފެންބޮޑުވާ 72 ރަށަށް ޕަމްޕް ފޮނުވައިފި
މޫސުން ގޯސްވެ ވިއްސާރަވުމުން އާންމުކޮށް ފެންބޮޑުވާ 72 ރަށަކަށް ފެން ހިންދުމަށް ބޭނުންކުރާނެ ޕަންޕާއި އެއާ ގުޅޭ ވަސީލަތްތައް ފޮނުވާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
Advertisement

ރާއްޖެއާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އުދަ އަރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ. 

ވިއްސާރާއިގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް  ހާއްސަ ޓާސްކް ފޯސްއެއް ވަނީ އެކުލަވާލާފައެވެ.  މި ޓާސްކްފޯސްގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއެވެ. 

މި ޓާސްކްފޯސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ، ފެން ބޮޑުވުމުގެ ހާލާތަކަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން އާންމުކޮށް ފެންބޮޑުވާ ރަށްތަކަށް ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން އާންމުކޮށް ފެންބޮޑުވާ 72 ރަށެއްގައި ފެން ހިންދާ ޕަންޕާއި އެއާ ގުޅޭ ވަސީލަތްތައް ފޯރުކޮށްދީފައިވާނެކަމަށާއި ފިކްސްޑް ބޭސްޑް ފެން ހިންދާ ނިޒާމުތައް ވެސް ރަށްރަށުގައި ވެސް ގާއިމުކޮށްފައި ހުންނާނެކަމަށް  ހިސާން ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ފެންބޮޑުވާ ހާލަތްތްތަކުގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށް ދެނީ ރަށްރަށުގައި ގާއިމުކޮށްފައިވާ ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމުތަކުން ކަމަށާއި އެ ޓީމުތަކަށް ފެން ނުހިންދޭ ވަރަށް ބޮޑުވެއްޖެ ނަމަ ފުލުހުންނާއި ސިފައިންގެ އިތުރުން އެހެނިހެން އިދާރާތަކުން އެ ޓީމުތަކަށް އެހީތެރިކަން ދޭ ކަމަށް ހިސާން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް