ads
އަބްދުﷲ ޖިހާދު-- ފޮޓޯ: ރައީސް އޮފީސް
ޖިހާދުގެ މައްސަލަ އަލުން ބަލަން ހައިކޯޓުގެ އަމުރެއް
ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަމުރުކޮށްފި އެވެ.
Advertisement

ކުރީގެ ނާއިބު ރައީސްގެ އިތުރުން، ކުރިން ފިނޭންސް މިނިސްޓަރުކަންވެސް ކުރައްވައި އަދި މި ސަރުކާރުގައި، އޮފް-ޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖިހާދު ސޮއި ކުރެއްވި މައްސަލައިގަ އެވެ. އެއީ، 2013 ވަނަ އަހަރު، ފިނޭންސް މިނިސްޓަރު ކަމުގައި ޖިހާދު ހުންނެވި ނިންމެވި ނިންމެވުކާ ގުޅިގެން ދައުވާކޮށްފައިވާ މައްސަލައެކެވެ.

އެއިރު ސަރުކާރުން ސޮއި ކުރީ ޖޮއިން ވެންޗާ އެގްރިމެންޓެއްގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެވެ. ޖިހާދު ސޮއި ކުރެއްވި އެގްރިމެންޓުގައި ސަރުކާރުގެ ހިއްސާގެ ގޮތުގައި އޮތީ 25 ޕަސެންޓެވެ. އެކަމަކު ސްޕެޝަލް ޓުއަރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީ ކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 ޕަސެންޓު ހިއްސާ އޮންނަންޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިން ކައުންސިލުން އޮތީ ލަފާ ދީފަ އެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުއެވެ. އޭރު ގާޒީ ފާއިޒް ރަޝާދު ފާހަގަ ކުރެއްވި ކަމަކީ އެންޓި ކޮރަޕްޝަން (އޭސީސީ) އިން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް އަލުން ތަހުގީގު ކުރާއިރު އަދި ރިޔާސީ ކޮމިޝަނަކުން ތަހުގީގު ކުރާއިރު ސަބަބު ބުނެދޭން ޖެހޭ ކަމަށެވެ. އެކަމަކު ދައުލަތަށް އެ ކަން ބުނެނުދެވޭ ކަމަށް ނިންމި އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ގާޒީ ފާހަގަ ކުރެއްވީ މުޅި ތަހުގީގު ބިނާކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަސްތަކަށް ކަމަށް ވުމުން އަދީބު ދައްކަވާ ވާހަކަތަކުގެ ތެދުދޮގު ޔަގީންކުރަން ތަހުގީގުން ކުރި ކަމެއް ދައުލަތަށް ބުނެދެވިފައި ނެތުމެވެ. މި ކަންކަމަށް ބަލައި އެ ދައުވާ ކްރިމިނަލް ކޯޓުގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވެން ނެތް ކަމަށް ގާޒީ ނިންމެވި އެވެ.

އެ ނިންމުންތައް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން މިއަދު ނިންމީ، ކްރިމިނަލް ކޯޓުން ޖިހާދުގެ މައްސަލަތައް ބޭރުކޮށްލީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ބަލަން ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އަމުރު ކުރިއެވެ. ހައިކޯޓުގައި މި މައްސަލަ ބެލީ ހުސެން މަޒީދު، މުހައްމަދު ނިޔާޒް އަދި މުހައްމަދު ފައިސަލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް