ads
ނަޝީދު
ސިޔާސީ ޕާޓީއެއްގައި އަމަލީ މަސައްކަތްކުރާކަށް ނެތިން: ނަޝީދު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ދަ ޑިމޮކްރެޓްސްގައި ވެސް މިވަގުތު އަމަލީ ގޮތުން އެއްވެސް ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ހިމެނިވަޑާއިގެންނަވާ ދަ ޑިމޮކްރެޓްސްގެ އިސްވެރިންތަކެއް އެޕާޓީ ދޫކޮށް އެމްޑީޕީއަށް ގުޅިފައިވަނިކޮށް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވީ ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތުގައި ކަމަށެވެ. އަދި ގައުމެއްގެ ތަރައްގީއަށާއި ރައްޔިތެއްގެ ތަނަވަސް ކަމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

" 2008 އިންތިޚާބަށް ފަހުގައި ސަރުކާރުގެ އާމްދަނީ އިތުރުވެ ދިޔަ މިންވަރުން، އަދި އެ އާމްދަނީން ކުރެވުނު އުމްރާނީ މަސައްކަތާއި ރައްޔިތުންނަށް ހޯދައި ދެވުނު އިޖުތިމާއީ ރައްކާތެރިކަން ބުނެދެނީ ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފައިދާ،" ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓިއަކާއި އިދިކޮޅުވާނެ މީހެއް ނޫންކަމަށެވެ. އެގޮތުން އެމްޑީޕީއަކީ އެމަނިކުފާނުގެ ދަރިއެއް ފަދަ ޕާޓިއެއް ކަމަށާއި އެޕާޓި ވަރު ގަދަވެ އޮތުމަކީ އަބަދުވެސް އެދޭކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ިއއްވެ ހުންނަވާ ފަހުން އުފެއްދި ދަ ޑިމޮކްރެޓްސް އަކީ ހާއްސަ ގޮތެެއްގައި ޒުވާނުންނަށް ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. 

"މީގެން އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތް ކުރާކަށް މިވަގުތު އަޅުގަނޑު ނެތިން. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރުވާކަށްވެސް ނެތިން،" ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

ކުރިން އެމްޑީޕީގައި އިސް މަގާމުތަކުގައި ތިބުމަށްފަހު ދަ ޑިމޮކްރެޓްސް އުފެއްދި ބައެއް މެމްބަރުން ވަނީ އެޕާޓިން ވަކިވެ އަލުން އެމްޑީޕީއާ ގުޅިފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ފަހުން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފަހުން ޑިމޮކްރެޓްސެގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު ޝިފާޒާއި، މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ އިތުރުން މިދިޔަ އެމްޑީޕީ ވެރިކަމުގައި އެސްޓީއޯގެ އެމްޑީކަން ކުރެއްވި ހުސައިން އަމްރު ހިމެނިވަޑައިގަންނަވައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް