ފެނަކައިން މިއަދު ދައުލަތުގެ މީޑިއާ މެދުވެރިކޮށް ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން ވަކި ތާވަލަކާ އެއްގޮތަށް ކަރަންޓު ކަނޑަން ޖެހިފައިވެއެވެ. އަދި މިއަދުގެ ތެރޭގައި އެއް ޖެންސެޓްގެ މައްސަލަ ހައްލުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އައްޑޫ ސިޓީގައި މިވަގުތު 26.8 މެގަވޮޓްގެ ކަރަންޓު ކެޕެސިޓީ ގާއިމުކުރެވިފައި ވީނަމަވެސް، އޭގެ ތެރެއިން ބޭނުންކުރެވޭ ހާލަތުގައި ހުރީ 15.5 މެގަވޮޓްގެ ކެޕެސިޓީއެވެ. މި މައްސަލައިގެ މައިގަނޑު ސަބަބަކީ އިންޖީނުތައް ރަނގަޅަށް އޯވަހޯލްކޮށް، ބޭނުންވާ މަރާމާތުތައް ކޮށްފައި ނެތުން ކަމަށް ފެނަކައިން ބުނެފައިވެއެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 32 މެގަވޮޓްގެ އާ ޕަވާ ހައުސްއެއް އެޅުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިހާރު ވަނީ އަލުން ފަށާފައެވެ.