ހެލްތު މިނިސްޓްރީގެ އެންގުމަށް ފަޒީލާ އުސްމާން ހިންގަމުން ދިޔަ ހިޖާމާ ކުލިނިކް ފުލުހުން ގޮސް ބަންދުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ހެލްތުން އޭރު ބުނީ އެތަން ބަންދުކުރަން ފުލުހުންނަށް އެންގީ ހުއްދަނެތި ހިޖާމާ ޖެހުމުގެ މަސައްކަތް ކުރާތީ އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އެންގުމުންވެސް އެކަމަށް އިޖާބަ ނުދިނުމުންކަމަށެވެ.
ސޯޝަލް މީޑިއާގައި ފަޒީލާ ކުރި ޕޯސްޓެއްގައިވަނީ ބުނީ ހެލްތު މިނިސްޓްރީން މިހާރު ވަނީ އޭނާގެ ކްލިނިކް ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށެވެ. ރަޖިސްޓްރީކޮށްދިން ނަމަވެސް ހިދުމަތް ފެށުމަށް ބޭނުންވާ ލައިސަންސް އަދިވެސް ނުލިބޭތީ ހިޖާމާ ޖެހުމުގެ ހިދުމަތް އަދި ނުލިބޭނެ ކަމަށް ފަޒީލާ ގެ ޕޯސްޓްގައިވެެއެވެ.
ހިޖާމާ ޖެހުމުގެ ހުއްދަ ދައުލަތުގެ އިދާރާތަކުން ނުދޭކަމަށް ބުނެ އެ މައްސަލަ ފަޒީ ވަނީ ސިވިލްކޯޓަށް ދައުލަތާއި ދެކޮޅަށް މައްސަލަ ހުށައަޅާފައެވެ.
ހެލްތު މިނިސްޓްރީން އެދިގެން ފުލުހުން އެންގި އެންގުމަކީވެސް ގާނޫނީ އިމުގެ ތެރޭގައި އޮތް އެންގުމެއް ނޫން ކަމަށް ފަޒީލާ ހުށައެޅި މައްސަލާގައި ބުނެފައިވެއެވެ.
މި މައްސަލާގަައި ފަޒީލާ ވަނީ ހިޖާމާގެ ހިދުމަތަކީ ހުއްދަ ނަގައިގެން ކުރަން ޖެހޭ މަސައްކަތެއް ނޫން ކަމަށް ކަނޑައަޅައިދިނުން އެދިފައެވެ. އަދި ހިޖާމާގެ ހިދުމަތަކީ ހުއްދަ ނަގަން ޖެހޭ ހިދުމަތެއް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ނަމަ، އެ ހުއްދަ ނުދީ ހިފެހެއްޓުމުގައި މިނިސްޓްރީން އަމަލުކުރީ ގާނޫނު އެއްގޮތަށް ނޫން ކަމަށް ކަނޑައަޅައި ދިނުމަށްވެސް ވަނީ އެދިފައެވެ.
މީގެއިތުރުން މިނިސްޓްރީ އާއި ފުލުހުން އަމަލުކުރި ގޮތުން އޭނާގެ ނަމާއި ކުރަމުންދިޔަ މަސައްކަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދިނުންވެސް ފަޒީލާ ހުށައެޅި މައްސަލާގައި ވަނީ އެދިފައެވެ.