މިހާރު ރާއްޖެއަށް މި ކުރަމުންދާ ވިއްސާރައަކީ ބޭ އޮފް ބެންގާލްގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެއާ ކައިރިވަމުން އަންނަ ކަމުން ކުރަމުންދާ ވިއްސާރައެކެވެ. މި ވިއްސާރައިގެ ސަބަބުން އުތުރާއި މެދު ރާއްޖެތެރޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މޫސުމުގެ ނުރައްކާތެރިކަމުގެ ސަބަބުން މެޓް އޮފީހުން ވަނީ ރ އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް ވައިޓް އެލާޓެއް ނެރެފައެވެ. އަދި ކަނޑުމަތި ގަދަވެ، ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.
މި ވިއްސާރަ އަލިކުރާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޮނިހިރު ދުވަހުގެ ފަހުން ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.