ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް އަންނަ ކަދުރު ހަދިޔާކުރަމުންނެވެ. އެގޮތުން މި ރޯދަމަހަށްވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ވަނީ ހަދިޔާކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން މިއަހަރަށް ހަދިޔާކުރި ކަދުރު އަންނަ ހޯމަދުވަހު ބަހަން ފަށާނެކަމަށެވެ. އަދި ކަދުރު ބެހުން ކުރިޔަށްދާނީ އަންނަމަހުގެ 6 ވަނަދުވަހުގެ ނިޔަލަށްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ކަދުރު ބަހާނީ، ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލާ ދާ ތަރުތީބުން، ކޮންމެ ގެއަކަށްވެސް ޕެކެޓެއްގެ މަގުންކަމަށެވެ. އަދި ގެބީސީތަކަށް ކަދުރު ދޫކުރާނީ އެ ގެއެއްގެ ކަރަންޓު މީޓަރުގެ ނަމްބަރާއި ކަދުރާ ހަވާލުވާ މީހެއްގެ އައިޑީ ކާޑަށް ބެލުމަށްފަހުކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ކަދުރު ބަހާ ގަޑި / ތަން
- ހެނދުނު 09:30 އިން މެންދުރު 13:00
- މާލޭގައި ކަދުރު ބަހާނީ އިސްލާމީ މަރުކަޒުގައި
- އަތޮޅުތަކުގައި ރަށުކައުންސިލާއި ސިޓީ ކައުންސިލްގައި
މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި ރޯދަ ވިޢްލުމުގެ ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށްވެސް ކަދުރުން ބައެއް ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.