
ގޯލްޑަން ފުޓްސަލްގެ ސެމީ ފައިނަލާ ހަމައަށް ކުރިން ދަތުރު ކުރި ނިލަންދޫ މި އަހަރުވެސް އަދި މިދިޔަ އަހަރުވެސް ފެނުނީ ބަލިކޮށެވެ. މި ފަހަރު، ނިލަންދޫ ތިން މެޗުން ބަލިވެ މުބާރާތުގައި ދެން ބާކީ އޮތް މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް އެ ޓީމަށް ފައިނަލްގެ ފުރުސަތެއް ނެތެވެ.
ނިލަންދޫ ބުރާސްފަތި ދުވަހު މަގޫދޫ އަތުން ބަލިވިއިރު، ކުރިންވަނީ ދަރަނބޫދޫ އަދި ބިލެއްދޫ އަތުން ބަލިވެފައެވެ. ބާކީ ދެން އޮތީ ފީއައްޔާ ކުޅޭ މެޗެވެ. އަތޮޅުގެ ފަސް ޓީމުގެ ތެރެއިން ނިލަންދޫ އޮތީވެސް ޓޭބަލްގެ ފުލުގައެވެ.
ނިލަންދޫ މެޗުން މަގޫދޫ މޮޅުވުމާ އެކު، އެ ޓީމު ވަނީ ފަސް ޓީމު ވާދަކުރާ ފ. އަތޮޅުގެ ލީގު ބުރުގައި، މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން އެއް ވަނައަށް ޖެހިލައިފަ އެވެ. ފ. އަތޮޅު ލީގު ބުރުގެ ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ހަ ޕޮއިންޓް ހޯދާފައިވާ ދަރަނބޫދޫ އެވެ. ދަރަނބޫދޫ ވަނީ އިއްޔެ 2-1 އިން ފީއަލީ ބަލިކޮށްފަ އެވެ. މި އަތޮޅުގެ ތިން ވަނައިގައި އޮތީ މިހާތަނަށް ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ބިލެތްދޫ އެވެ.