ލީލަވަތީ ހޮސްޕިޓަލުން ބުނީ ސައިފް އަލީ ކާނުގެ ގައިގައި ހަރުކޮށްފައި އޮތް ކަޓަރުގެ ބައި ނަގައި، ނިއުރޯ ސާޖަރީއެއް ކާމިޔާބުކަމާއެކު ކުރެވިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލަތު މިހާރު ވަނީ ރަނގަޅުވެފައި ކަމަށާއި، ދެތިން ދުވަހުގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.
މުންބާއީ ޕޮލިހުން މައްސަލަ ތަހުގީގު ކުރުމަށް 10 ޓީމު އެކުލަވާލާފައިވާއިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރެވިފައި ނުވާ ކަމަށް ޕޮލިހުން ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން މުންބާއީގައި ދިރިއުޅޭ މަޝްހޫރު މީހުންގެ ސަލާމަތީ ކަންކަމާމެދު ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.
ސައިފް އަލީ ހާނަށް ދިމާވި މި ހާދިސާއާ ގުޅިގެން އޭނާ މިހާރު ކުޅެމުންދާ ފިލްމުތަކުގެ މަސައްކަތަށް ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. އޭގެ ތެރޭގައި "ޖުވެލް ތީފް" އަދި "ރޭސް 4" ހިމެނެއެވެ.