ads
ޖަމާއަތުގައި ނަމާދުކުރަނީ--
ފުވައްމުލަކާއި އައްޑޫ ހިމެނޭހެން މިސްކިތްތަކުގައި ނަމާދު ނުކުރެވޭ މުއްދަތު ދަންމާލައިފި
ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން މާލޭގެ ހުރިހާ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭ ގޮތަށް އޮތްއޮތުން އަނެއްކާ ވެސް ދިގު ދަންމާލައިފި އެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް މި ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން، ނިންމި އެ ނިންމުން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލަން ނިންމާފައިވާ ކަމަށެވެ.  

މި ބަލީގެ ސަބަބުން އިތުރަށް ކަމެއް ގޯސްވެ، ރަށެއް ލޮކްޑައުން ކުރަންޖެހިއްޖެ ހާލަތެއްގައި އެރަށެއްގައި ވެސް އަމަލުކުރާނީ މާލެ ސަރަހައްދާއި ރިސޯޓުތަކުގައި އަމަލުކުރަން މި ނިންމި ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ މިސްކިތްތަކުގައި ވެސް މިއަދުގެ މަގްރިބް ނަމާދުން ފެށިގެން އޭޕްރިލް 23 ވަނަ ދުވަހުގެ އަސްރު ނަމާދާ ހަމައަށް ފަރުޟު ނަމާދުގެ ޖަމާއަތް ނުބާއްވަން ވަނީ އަންގާފަ އެވެ. 

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކުރި ނަމަވެސް ފަސް ވަގުތު މިސްކިތްތަކުގައި ދަނީ ބަންގިގޮވަމުންނެވެ. އަދި ބަންގިއަށް ފަހު ގޭގައި ނަމާދުކުރުމަށް ވެސް ދަނީ ގޮވަމުންނެވެެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ވެސް އިލްތިމާސްކޮށްފަ އެވެ. 

އޭގެ އިތުރުން ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲ ގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް އުޅުމަށް ވެސް ވަނީ ނަސޭހަތްތެރިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް