
ރިޕޯޓްތައް ބުނާ ގޮތުން އާޖެންޓީނާގެ ތަރި މެސީވެސް ހިމެނޭ ގޮތުން އެ ގައުމުން އިންޑިޔާގައި ކުޅޭ އެކުވެރިކަމުގެ ދެ މެޗު އޮންނާނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅު އަދި ނޮވެންބަރު މަހު ކުރީކޮޅުއެވެ. މި ދެ މެޗު ކުޅުމަށް އާޖެންޓީނާގެ ގައުމީ ޓީމުން އިންޑިޔާގައި ހަފްތާއެއްހާ ދުވަސް ހޭދަކުރާނެ ކަމަށް ބެލެވެއެވެ. އަދި މި ހަފްތާގެ ތެރޭގައި މެސީ، އިންޑިޔާގެ ސަޕޯޓަރުންނާއެކު 20 މިނިޓްގެ އިވެންޓެއްގައި ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާގެ ގައުމީ ޓީމުން އިންޑިއާއަށް ކުރާ މި ދަތުރުގައި މެޗުތައް ކުޅޭނީ ސައުތު އިންޑިޔާގެ ފުޓްބޯޅައިގެ ފޯރިގަދަ ސްޓޭޓެއް ކަމަށްވާ ކެރެލާގައެވެ. ދެކުނު އެމެރިކާގެ ދެ މުބާރާތުގެވެސް އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދާފައިވާ އާޖެންޓީނާ އިންޑިއާއަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަން އިންޑިއާގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ކެރެލާގެ ސްޕޯޓްސް މިނިސްޓަރު އަބްދުލްރަހިމަން ވިދާޅުވެފައިވާ ގޮތުގައި މި މެޗުތަކާ ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތަކީ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު ޝެޑިއުލް ފައިނަލް ކުރުމެވެ.
އާޖެންޓީނާއިން އިންޑިއާ އަށް މިއަހަރު ދަތުރެއް ކުރުމަށް ނިންމާފައިވާއިރު، މީގެ ކުރިން ވެނެޒުއޭލާ އާއެކު އާޖެންޓީނާއިންވަނީ އިންޑިޔާގައި މެޗެއް ކުޅެފައެވެ. އެ މެޗު ކުޅެފައިވަނީ އިންޑިޔާގެ ފުޓްބޯޅައިގެ ހިތްކަމުގައި ބެލެވޭ ކަލްކަތާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައެވެ. އެ މެޗު ބެލުމަށް 80،000 މީހުން ދަނޑަށްވަނެވެ.