ޖަސްޓިސް ރިޓަޔަޑް ޝުއައިބު ހުސެއިން ޒަކަރިއްޔާ އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދު ހަވީރު މާލޭގައެވެ.
އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާއަކީ، ޤަޠަރުގެ ޤަޠަރު ޔުނިވަރސިޓީ އިން ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997 ވަނަ އަހަރު ޙާޞިލު ކުރެއްވުމަށްފަހު، 2006 ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވާފައިވާ ބޭފުޅެކެވެ.
އެމަނިކުފާނު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރ ކަމާއި ޚާއްޞަ ޤާޟީ ކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓާއި، ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސްޤާޟީކަން ހިމެނެއެވެ. މީގެ އިތުރުން މަޖީދިއްޔާ ސްކޫލްގައި ކިޔަވައިދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއާ، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި އެ މަނިކުފާނު ލެކްޗަރަރއެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވިއެވެ.
އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކޮށް މަގާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ. އަދި 22 ނޮވެންބަރު 2022 ގައި ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާވަނީ ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅި ކުރައްވާފައެވެ.