
ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މިދިޔަ ސަރުކާރުން އެއްބަސްވުން ހަދާފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އެސްއޯއެފްގައި އިސްކޮށް ހުރި މުހައްމަދު އައްލާމް ލަތީފްގެ އިތުރުން އޭނާއާ ގާތް އެކުވެރިންކަމަށްވާ އަހުމަދު އިސްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) އާއެކުއެވެ.
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ބައިވެރިވި އެސްއޯއެފްގައި އޮސްކޮށް ހުރި މުހައްމަދު އައްލާމް ލަތީފާއި އޭނާގެ ގާތް އެކުވެރިންކަމަށްވާ އަހުމަދު އިސްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ)
އެ މީހުންނާ އެކު ހެދި އެއްބަސްވުންތައް އުވާލަން ނިންމިކަން ހާމަކޮށް ޕީޖީ އޮފީހުން ބުނީ މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައިކަމަށްވީ ނަމަވެސް އެމީހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް ތަހުގީގީ އިދާރާތަކުން މައުލޫމާތު ދޭކަމަށެވެ. އަދި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާ އެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގް ވީ އެންމެ އަވަހަކަށް ޕީޖީއަށް ހުށަހަޅަން ފުލުހުންނަށާއި އޭސީސީއަށް އަންގާފައިވާނެ ކަމަށް ޕީޖީ ނިންމެވި ނިންމެވުމުގައިވެއެވެ.
ޒިޔަތާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރުގެ އޮގަސްޓު މަހު އުވާލާފައިވާކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް އަދީބާއި ޒިޔަތުގެ މައްޗަށް ވަނީ ސާބިތުވެފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ގިނަ އަދަދެއްގެ ފައިސާ ޖަމާކުރީ އެސްއޯއެފްގެ އެކައުންޓަށެވެ. އަދި އެ ފައިސާ ހިޔާނާތުގެ ގޮތުގައި ބޭނުންކޮށް އެކި މީހުންނަށް ދީފައިވަނީ އެ އެކައުންޓްތައް މެދުވެރިކޮށެވެ. އެ އެކައުންޓު 2020 ވަނަ އަހަރު ފްރީޒް ކުރުމަށް ފަހު 2022 ވަނަ އަހަރު ވަނީ ދޫކޮށްލައިފައެވެ.